19 Oct 2014, 17:24
މާފުށީ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް، 23، އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު، 26، އާމެދު ރައްޔިތުން އިތުރަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، މި ދެމީހުން މާފުށީ ޖަލުން ފިލާފައިވާކަމުގެ މަޢުލޫމާތު މަ މަހުގެ 17 ވަނަ ދުވަހުގެރޭ 20:30 ހާއިރު އެނގުމާއެކު އެ ދެމީހުން ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑުގެ އެހީތެރިކަން ވެސް ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މުޖުތަމައަށް ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބެލެވޭ އިބްރާޙީމް ޝަހްމު އާދަމް އަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. އަދި ފަރިޔާޝް އަޙްމަދަކީ މަރުގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެން 25 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ.
ފުލުހުން ބުނީ، މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މިފަދަ ނުރައްކާތެރި މީހުން ހޯދުމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށާއި، އަދި މި ދެ ކުށްވެރިންނާ ބެހޭ މައުލޫމާތު އެނގިހުރެ ފުލުހުންނާ ހިއްޞާ ނުކުރާ ފަރާތްތަކާއިމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.