s ސިފައިންގެ ތެރޭގައި ފިތުނަފަސާދަ އުފައްދައި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ހިލާފު ވެފައިވާތީ ކަމަށް ބުނެ ވަޒީފާ އިން ވަކިކުރި ސާޖެންޓް ފަސްޓް ކްލާސް އަލީ ވަހީދަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އަލީ ވަހީދާ މެދު ކުރެވިފައިވާ ތުހުމަތާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރި ތަހުގީގު ރިޕޯޓުގައި އޭނައާ މެދު އަޅަން ފެންނަ ކަމަށް ބުނެފައިވާ ފިޔަވަޅު އަޅާފައި ވަނީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކަށް ގާނޫނު ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ގެރެންޓީއާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ފަރުދުންގެ ހައްގުތަކާއި މިނިވަންކަމަށް އޮންނަ ގެރެންޓީތަކާ ޚިލާފަށް ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އަލީ ވަހީދު އަދާކުރަމުން ދިޔަ ވަޒީފާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރުޖޫއަކޮށްދިނުމަށް ވެސް ސިވިލް ކޯޓުން ވަނީ އަންގާފަ އެވެ. އަދި ސިފައިންގެ ގާނޫނުގެ ދަށުން ހަދާ ރިޓަޔާމެންޓް ގަވާއިދާ އެއްގޮތަށް އޭނާ އަކީ ޝަރަފުވެރިކަމާ އެކު ސިފައިންގެ ވަޒީފާ އިން ވަކިވި މީހެއްކަމަށް ކަނޑައެޅުމަށާއި އަދި އޭނާ އެ ވަޒީފާގައި ދެމިހުރި ކަމަށް ބެލުމަށް ވެސް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލީ ވަހީދު ވަޒީފާ އަށް ރުޖޫއަކުރެވޭ ދުވަހާ ހަމައަށް ނުވަތަ ރިޓަޔާކުރެވޭ ދުވަހާ ހަމައަށް ލިބެން ޖެހޭ މުސާރަ އާއި އެންމެހައި އިނާޔަތްތައް އޭނާ އަށް ފުރިހަމަ އަށް ލިބިދިނުމަށް ވެސް ސިވިލް ކޯޓުން ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އަށް އަންގައި އަމުރުކޮށްފަ އެވެ.
s