އެލިއާ އިންވެސްޓްމަންޓްސް އާއި މާލޭ ޕިކަޕް ގުޅިގެން މިދިއަ އަހަރު ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމްތައް ދީފި އެވެ.

އެލިއާ ޝޯރޫމުގައި މިއަދު ބޭއްވި ހަފްލާއެއްގައި ޕްރޮމޯޝަންގެ އެއް ވަނަ ނަސީބުވެރިޔާ އާއި އިތުރު ވަނަތަކަށް އިނާމުތައް ހަވާލުކޮށްދިނީ މާލޭ ޕިކަޕްގެ ފަރާތުންނެވެ.

މާލޭ ޕިކަޕްގެ އިސް އޮފިޝަލަކު އެ ހަފުލާގައި ވިދާޅުވީ ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ ސަބަބުން އެ ސެންޓަރުގެ ދަތުރުތައް 50 ޕަސަންޓު އިތުރުވެފައިވެ، ޕްރޮމޯޝަން ތެރޭގައި އެއް ލައްކަ އަށްވުރެ ގިނަ ދަތުރު ލިބުނު ކަމަށެވެ. އަދި ބުނީ ކައިރި މުސްތަގުބަލެއްގައި އިތުރު ޕްރޮމޯޝަނެއް ހުޅުވާލުމަށް އެ ސެންޓަރުން ގަސްދު ކޮށްފައިވާކަމަށެވެ.

ޕްރޮމޯޝަނުން އެއްވަނައަށް އައީ ހ. ހުރަފާ، އަހުމަދު ޝަރާޒް އެވެ. އެލިއާގެ ފަރާތުން ވަނީ ޔަމަހާ ގްލޭޑިއޭޓާ ސައިކަލެއް އޭނާއަށް ހަދިޔާ ކޮށްފަ އެވެ. ދެވަނައަށް ހޮވުނު މ. ލިބަރަސް، ނީމާ އަބްދުﷲ އަށް ލިބުނީ ލެޕްޓޮޕެކެވެ. ތިންވަނައަށް ހޮވުނީ ރާނބާ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ މައުމޫނު މިޔާ ކިޔާ ބަނގްލަދޭޝް ރައްޔިތެކެވެ. އޭނާއަށް އެލިއާގެ ފަރާތުން ވަނީ ކޮންޕިއުޓަރު ސިސްޓަމެއް ދީފަ އެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވާފައިވަނީ މިމަހު އެއް ވަނަ ދުވަހު އެވެ.