19 Oct 2014, 16:31
ވޮޝިންޓަން (އޮކްޓޯބަރ 19) : ލީބިޔާގެ ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި މިހާރު ހިނގަމުންދާ ތަޅާފޮޅުމާއި ހަނގުރާމައިގެ ސަބަބުން ޓެރަރިސްޓުންނަށް ހިޔާވަހިކަމާއި ރައްކާތެރިކަން ލިބޭފަދަ ގައުމަކަށް ލީބިޔާ ވެދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ބުނެފި އެވެ.
އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނާއި އިޓަލީ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި މިފަސް ގައުމުންވަނީ ހަނގުރާމައާއި ތަޅާފޮޅުންތައް ހުއްޓާލުމަށް ލީބިޔާގެ ވާދަވެރި ޖަމާއަތްތަކަށް ގޮވާލައްވާފަ އެވެ. މިބަޔާނުގައި ކުށްވެރިކޮށްފައިވަނީ ލީބިޔާގެ އިސްލާމީ ފިކުރުގެ ޖަމާއަތެއް ކަމަށްވާ އަންސާރުއްޝަރީޢާ ޖަމާއަތުން އިލްމާނީ ފިކުރުގެ ޖަމާއަތެއް ކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތަށް ދެމުންގެންދާ ހަމަލާތަކެވެ. ނަމަވެސް ޖެނެރަލް ހަފްތަރުގެ ޖަމާއަތުން އަންސާރުއްޝަރީޢާ ޖަމާއަތަށާއި ލީބިޔާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭ ޙަމަލާތައް ކުށްވެރިކޮށްފައެއް ނުވެ އެވެ.
ލީބިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބެންގާޒީގައި އިއްޔެވަނީ ކާރު ބޮމެއް ގޮއްވާލުމުގެ ސަބަބުން 4 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެފަ އެވެ. މިބޮން ގޮއްވާލާފައިމިވަނީ ލީބިޔާގެ ބޮޑުބައެއް ކޮންޓްރޯލްކުރާ އިސްލާމީ ފިކުރުގެ ހަނގުރާމަވެރިން ނައްތާލުމަށް މަސައްކަތްކުރާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތަށް ނިސްބަތްވާ ޗެކްޕޮއިންޓަކަށް އަމާޒުކޮށްގެންނެވެ. ބެންގާޒީގެ ދެކުނުގެ އަވަށެއްކަމަށްވާ "ބުހްދީމާ" އަވަށުގައި އިއްޔެ ކާރު ބޮމެއް ގޮއްވާލާފައިމިވަނީ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތުގެ ހަނގުރާމަވެރިންނާއި ލީބިޔާގެ އިޚްވާނުލްމުސްލިމޫން ފިކުރުގެ ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ވޭތުވެދިޔަ 48 ގަޑީއިރު ތެރޭގައި 30 މީހުން މަރުވެފައި ވަނިކޮށެވެ. ޖެނެރަލް ހަފްތަރުގެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކާރުބޮމުގެ ޙަމަލާދިނީ އެޖާއަތުގެ ހަނގުރާމަވެރިން، އިސްލާމީ ފިކުރުގެ ހަނގުރާމަވެރިންގެ އާއިލާތަކަށް ނިސްބަތްވާ އެތަށް ގެއެއް ތަޅާލުމުން އެކަމަށް ބަދަލުހިފުމުގެ ގޮތުންކަމަށް ޚަބަރުތައް ބުނެ އެވެ.
ބެންގާޒީގައި މިކުރިމަތިލުންތައް ހިނގާފައިމިވަނީ ލީބިޔާގެ އެންމެ ބޮޑު ދެސިޓީ ކަމަށްވާ ޓްރިޕޮލީ އާއި ބެންގާޒީގައި އެތަށްހާސްބަޔަކު، ޖެނެރަލް ހަފްތަރަށް ތާއީދުކުރާ ލީބިޔާގެ ޕާލަމެންޓް އުވާލުމަށް ގޮވާލައި މުޒާހަރާތައް ކޮށްފައިވަނިކޮށެވެ. ލީބިޔާގައި ދެޕާލަމެންޓާއި ދެ ސަރުކާރު މިހާރު އޮތްއިރު އެގައުމުގެ އުތުރުގެ ރަށެއްކަމަށްވާ ތުބްރުގްގައި ހަރަކާތްތެރިވާ ޕާލަމެންޓާއި ސަރުކާރު ތާއީދުކުރަނީ ޖެނެރަލް ހަފްތަރަށާއި އޭނާގެ ޖަމާއަތަށެވެ.
ވެރިރަށް ޓްރިޕޮލީގައި ހަރަކާތްތެރިވާ ސަރުކާރާއި ޕާލަމެންޓް ތާއީދުކުރަނީ ލީބިޔާގެ ބޮޑުބައި ކޮންޓްރޯލްކުރާ އިސްލާމީ ފިކުރުގެ ހަނގުރާމަވެރިންނަށެވެ. ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން ފެށި ހަނގުރާމާގައި ގައްޒާފީ އަވަހާރަކޮށްލުމަށްފަހު ވެރިކަމާ ހަވާލުވި އިސްލާމީ ފިކުރުގެ ފަރާތްތަކުންވެސް އަމިއްލަ އެދުން ކުރިޔަށްނެރެ އެމީހުންގެ މެދުގައި ތަޅާފޮޅުންތައް ކުރިޔަށްދިޔުމުގެ ނަތީޖާއެއްގެ ގޮތުން ލީބިޔާ ހަމައަކަށް އަޅުވައި އެގައުމަށް ސުލްޙަ ގެނަސްދިނުމުގައި އިސްލާމީ ފިކުރުގެ ޖަމާއަތްތައްވެސްވަނީ ނާކާމިޔާބުވެފަ އެވެ.
މިކަމުގެ ސަބަބުން ބޭރުގެ ފަރާތްތަކަށްވަނީ ލީބިޔާގެ ކަންތައްތަކުގެ ތެރެއަށް ވަދެގަތުމުގެ ފުރްސަތު ފަހިވެގެން ގޮސްފައެވެ.ލީބިޔާ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލީ އިޚްވާން ފިކުރުމުގެ ޖަމާއަތްތައް ކަމަށް ލީބިޔާގެ އިލްމާނީ ފިކުރުގެ ކުރީގެ ޖެނެރަލް އެއްކަމަށްވާ ޚަލީފާ ހަފްތަރާއި އޭނާއަށް ތާއީދުކުރާ ހަނގުރާމަވެރިން ބުނެ އެވެ. ޖެނެރަލް ހަފްތަރުވަނީ އިސްލާމީ ފިކުރުގެ ޖަމާއަތްތައް ނައްތާލެވިގެން ނޫނީ ލީބިޔާ އަށް ސުލްޙަ ނުގެނެވޭނެ ކަމަށް ބުނެ އެޖަމާއަތްތައް ނައްތާލުމުގެ ނަމުގައި ލީބިޔާގައި ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ފަށާފަ އެވެ. ޖެނެރަލް ޚަލީފާ ހަފްތަރުގެ ފަހަތުން ލީބިޔާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށް ތުހުމަތު ކުރެވޭ ގައުމުތަކުގެ ތެރޭގައި ހުޅަނގުގެ ގައުމުތަކުގެ އިތުރުން އަރަބި ދެގައުމު ކަމަށްވާ ޔޫއޭއީއާއި މިސްރު ހިމެނެ އެވެ.
މިހަނގުރާމަ ދުވަހެއް ދުވަހަކަށް ހޫނުވަމުންދާއިރު މިހަނގުރާމަ މިހާރުދަނީ އިރާގާއި ސޫރިޔާ ފަދަ ގައުމުތަކުގައި ހިނގަމުންދާފަދަ ފަނާކުރަނިވި ހަނގުރާމައަކަށް ބަދަލުވަމުންކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)