19 Oct 2014, 15:52
ހިއުމަން ޓްްރެފިކިންގްގެ ނުވަ މައްސަލައެއް މި އަހަރު ތެރޭގައި މޮނިޓާ ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މައްސަލައެއް ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް އެމިގްރޭޝަން އެންޑް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަތައް ހޯދިފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ޓަކައި އެ ޑިޕާޓްމަންޓުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުންނާއި ބައެއް ބިދޭސީން އަމިއްލަ އަށް އެ ޑިޕާޓްމަންޓަށް ހުށަހަޅާ މައްސަލަތައް ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ލޭބާ ރިލޭޝަންއާ ގުޅުން ހުރި މައްސަލަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ އަށް މިދިޔަ އޮގަސްޓް މަހުގެ ފޮނުވާފައިވާ އެ ދެ މައްސަލައަކީ ބިއުޓީޝަނެއްގެ ގޮތުގައި ވަޒީފާދޭނެ ކަމަށް ބުނެ ރާއްޖެ ގެނެސްފައިވާ ބިދޭސީ އަންހެނަކާއި ދިވެހި އަންހެނެއް ލައްވާ މަޖުބޫރުކޮށްގެން ހަށިވިއްކުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށް ގެނައި ބިދޭސީއަކު ގޭގައި ބަންދުކޮށްގެން ބައިންދާ އެހެން މަސައްކަތްތައް ކުރުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިސޯޓަކަށް މަސައްކަތު ގެންނަ މީހަކު ހުރެދާނެ ކެފޭއެއްގައި ވޭޓަރެއްގެ ވަޒީފާ ދީފައި ބަހައްޓާފައި. މީގެ އިތުރުން ވަކި ރަށަކަށް އެމީހާ ފޮނުވާލާފައި އެމީހަކަށް އެ ރަށަކުން ނުފޭބުމަށް މަޖުބޫރުކުރުމާއި ހަށިވިއްކަން މަޖުބޫރު ކުރުވާފައި ވެސް ހުރެދާނެ. މިފަދަ ކަންކަން ބައެއް ފަހަރު ހިއުމަން ޓްްރެފިކިންގް ގޮތުގައި ބެލެވޭ." ހަލީލު ވިދާޅުވި އެވެ.
މީގެ އިތުރުން ފިލައިގެން އުޅޭ ބިދޭސީންނަށް ވަޒީފާދީގެން ގެންގުޅޭ ފަރާތްތައް ހޯދުމަށް އިމިގްރޭޝަނުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މި އަހަރުގެ މިހާތަނަށް 120 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. އަދި އެގޮތަށް ފިލައިގެން އުޅޭ ބިދޭސީންގެ މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އެމީހުންގެ އަތުގައި ވިސާ ނޯންނަ މައްސަލަ އާއި މަޖުބޫރުން އެމީހުން ލައްވާ މަސައްކަތް ކުރުވާ މައްސަލަތަކެވެ.
"ގިނަ ފަހަރު އެމީހުން ފިލަނީ އެމީހުންނަށް ލިބޭ އާއްމުދަނީ ކުޑަވެގެން އިތުރު އާއްމުދަނީއެއް ހޯދަން. ގިނަ ފަހަރަށް އެހެން ގެންނަ ބިދޭސީންނަށް މި ދެނީ 130 އެއްހާ ޑޮލަރު. އެހެންނަމަވެސް އެމީހުން ފިލައިގެން ގޮސް އެހެން ކުރާ އެކިއެކި މަސައްކަތުން 300 އެއްހާ ޑޮލަރު އެމީހުންނަށް ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުން އަަންނަ މަަސައްކަތުގައި މިހާތަނަށް މާލެ އާއި ހުޅުމާލެ އާއި ލ. އަތޮޅާއި ހދ. ކުޅުދުއްފުއްޓާއި ހދ. މަކުނުދޫ އާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީ ވަނީ ބަލައިފަ އެވެ.