ކޮމިޝަނަރު އޮފް ޕޮލިސްގެ ޝޮކަލަޝިޕަށްދާ ފުލުހަކާއި އިތުރު ފުލުހަކު ތުރުކީ ނޭޝަނަލް ޕޮލިސް އެކަޑަމީން ހިންގާ ފުރަތަމަ ޑިގްރީގެ ސްކޮލަޝިޕަށް ތުރުކީ އަށް ފުރައިފި އެވެ.

ތުރުކީ އަށް އަށް ފުރި ދެ ފުލުހުންނަކީ ޕޮލިސް ލާންސްކޯޕްރަލް އާރިފް އިލްހާމް އާއި ޕޮލިސް ކޮންސްޓަބަލް ޢަލީ ސާމީ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ ދެ ފުލުހުން ތުރުކީއަށް ފުރާފައި ވަނީ މިމަހުގެ ކުރީ ކޮޅުގައި ކަމަށެވެ.

އެ ދެ ފުލުހުންގެ ތެރެއިން ކޮންސްޓަބަލް ޢަލީ ސާމީ ތުރުކީއަށް ފުރާފައި ވަނީ ތުރުކީ ނޭޝަނަލް ޕޮލިސް އެކަޑަމީން ދިވެހި ފުލުހުންނަށް ލިބުނު ސްކޮލަޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމާ ގުޅިގެން ކުރިމަތިލި ފުލުހުންގެ ސްކޮލަޝިޕް ބޯޑުން ސްކޮލަޝިޕް އެވާޑްކުރުމުންނެވެ.

އާރިފް އިލްހާމް ތުރުކީއަށް ފުރާފައި ވަނީ 23 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދުމާ ގުޅިގެންދޭ ކޮމިޝަނާ އޮފް ޕޮލިސްގެ އެކްސަލެންސް އެވޯޑް ހާސިލްކުރުމާއި ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސްގެ ސްކޮލަޝިޕެއްގަ އެވެ.

މީގެ އިތުރުން 21 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހާއި 22 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ދެ ފުލުހަކު މިހާރު ވެސް ވަނީ ތުރުކީއަށް ކިޔަވަން ގޮހެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ އެކްސަލެންސް އެވޯޑަކީ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ބައިވެރިންގެ ތެރެއިން ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވޭ ދަރިވަރަށް ކޮމިޝަނަރު އޮފް ޕޮލިސް ދެއްވާ އެވޯޑެކެވެ.