19 Oct 2014, 14:40
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ފުލުސް މީހާގެ ވަކީލު ހާޒިރު ނުވާތީ ޝަރީއަތް އާދީއްތަ ދުވަހަށް ފަސްކޮށްފި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ރައްދުވާ މއ. ރަވްޟާ އިބްރާހީމް ފައިސަލް ބުނީ ވަކީލު އާލާސްކަންފުޅާ އުޅުއްވާތީ މިއަދު ޝަރީއަތަށް ހާޒިރުވެވެން ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"މިތަނަށް އައިސް ޚަބަރެއް ވެލީމާ ބުނީ ބަލިވެއޭ އުޅެނީ. ފަހުން ގުޅާގުޅާ ފޯނެއް ނުނަގާ،" ފައިސަލް ބުންޏެވެ.
ކުރިން ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލީހަށް ފައިސަލް ހާޒިރުވެފައި ނުވާތީ ގާޒީ މުހުތާޒު ފަހުމީ ވަނީ އެކަމާ ގުޅިގެން ސުވާލުތަކެއް ކުރިމަތިކުރައްވާފަ އެވެ.
ފައިސަލް އޭނާ އަށް ފޮނުވަން ޖެހޭ ޗިޓު ކޯޓުން ހަވާލުކުރަން ފުލުސް އޮފީހާ ކަމަށާއި އެތަނަށް ފޮނުވުމުގެ ބަދަލުގައި ގެއަށް ޗިޓު ފޮނުވައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް ކޯޓުން އެގޮތަށް އަމަލު ކުރަމުންނުދާ ކަމަށާއި ކުރީ ދުވަހު އޭނާ އަށް ޗިޓު ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ގާޒީ ވިދާޅުވީ އަންނަ އާދީއްތަ ދުވަހުގެ 2:00ގައި ޝަރީއަތް އޮންނާނެކަން އިއުލާން ކުރާ ކަމަށާއި އެދުވަހު ކޯޓަށް ހާޒިރުނުވެއްޖެނަމަ ބަންދުގައި ބަހައްޓައިގެން ފައިސަލް ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ގޮތުގައި މިއަދު މާރިޔާ ކޯޓަށް ހާޒިރުކޮށްފައިވެ އެވެ. ޝަރީއަތުގައި މާރިޔާ ވިދާޅުވީ ފައިސަލް މިހާރު ވެސް ހުރީ ފުލުހުންގެ ވަޒީފާގައިތޯ އާއި އޭނާގެ މަގާމަކީ ކޮބައިކަން އެނގެން ބޭނުންވާ ކަމަށެވެ.
މާރިޔާގެ ސުވާލުގެ ޖަވާބުގައި ގާޒީ ވިދާޅުވީ މިއަދު ޝަރީއަތް ކުރިއަށްގެންދެވޭގޮތެއް ނެތް ކަމަށާއި އެހެންކަމުން ޝަރީއަތް ބާއްވާ ދުވަހަކު އެ ސުވާލުތައް ކުރެވިދާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ތަހުގީގަށް އޭނާ ބަޔާނެއް ދީފައިވާނެ ކަމަށާއި އެ ބަޔާނުގެ ކޮޕީއެއް ބޭނުންފުޅުވާ ކަމަށެވެ.
ލިޔެކިޔުންތައް ހޯދުމަށް ކޯޓުގައި އެދުމުން ހަމަޖެހިފައިވާ އުސޫލުގެ މަތިން ދޫކުރެވެން ހުރި ލިޔުންތައް ދޫކުރާނެ ކަމަށް ގާޒީ ވަނީ މާރިޔާ އަށް އަންގަވައިފަ އެވެ.
ފައިސަލްގެ މައްޗަށް އުފުލާފައި ވަނީ މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާރިޔާ ފިހާރައެއްގެ ތެރޭގައި ހުންނަވަނިކޮށް އޭނައާ މެދު މާރާމާރީ ހިންގައި އެ ފިހާރައިން ނެރެ އިތުރު ފުލުހުންތަކަކާ ބައިވެރިވެގެން މާރިޔާގެ މޫނުމަތީގައި ޖަހާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.