19 Oct 2014, 14:35
ފޫޅުމައިން އެމީހުންގެ މަސައްކަތަށް ނެރެ އެ މަސައްކަތަށް އެމީހުން އަހުލުވެރި ކުރުވުމުގެ ގޮތުން ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ހެލްތު މިނިސްޓްރީ އިން މިއަދު ފަށައިފި އެވެ.
ހެލްތު މިނިސްޓްރީ އިން ބުނީ އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މި ސަރުކާރުގެ މެނިފެސްޓޯގައިވާ ފަދައިން ފޫޅުމައިން އެމީހުންގެ މަސައްކަތަށް އަލުން ނެރެ އެމީހުންގެ ފަރާތުން ފައިދާ ހުރި ހިދުމަތްތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.
އެ ޕްރޮގްރާމް ފެށުމަށް މިއަދު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމަކީ ފޫޅުމައިންނަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާއި ފޫޅުމައިންނަކީ ސިއްހީ ކަންތައްތައް ހާސިލްކުރުމަށް ވަރަށް މުހިންމު ބައެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ މި ސަރަހައްދަށް ބަލާ އިރު މީސްކޮޅު މަދު ގައުމަކަށްވީ ނަމަވެސް 1970ގެ އަހަރުތަކަށް ބަލާ އިރު ޅަފަތުގައި ކުދިން މަރުވުމާއި ވިހެއުމުގައި މައިން މަރުވާ އަދަދު އެންމެ މަތީގައި އުޅޭނީ ރާއްޖެ ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ތިރިކުރެވިފައި ވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ނަވާރަސަތޭކަ ހަތްދިހައިގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންމެ 1000 ކުދިންގެ ތެރެއިން 130 ކުދިންނަކީ ޅަފަތުގައި ދުނިޔެ ދޫކޮށްފައިވާ ކުދިން. އޭގެ އަހަރުތަކެއް ފަހުން މިއަދު އުމުރުން އެއް އަހަރު ފުރުމުގެ ކުރިން މަރުވާ ކުދިންގެ އަދަދު މިވަނީ ކޮންމެ 1000 އަކުން ނުވައަކަށް ތިރުކުރެވިފައި. ގައުމުގެ ތާރީހަށް ބަލާ އިރު މިއީ މަދު ދުވަސްކޮޅެއްގައި ލިބުނު ކުރިއެރުމެއް." މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ފެށި ޕްރޮގްރާމް މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިރު އެ ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 34 ފޫޅުމައިން ވަނީ ބައިވެރިވެފަ އެވެ.