ރާއްޖޭގައި ޖަމާނުއްސުރެން ދިވެހިން ކުޅެމުން އައި ބޮޑު ބެރު ސަގާފަތަށް "އިންގިލާބެއް" ގެނައި "ހަރުބީ" ބޮޑުބެރު ގްރޫޕް ރަޝިއާގައި ބާއްވާ ބޮޑު މަހުޖަނެއްގެ ކައިވެނި ހަފްލާގައި ބައިވެރިވުމަށް ޓަކައި ފުރައިފި އެވެ.

ހަރުބީ ގްރޫޕްގެ އޮފިޝަލަކު މިއަދު ސަން އަށް ބުނީ އެ ގްރޫޕްގެ 11 މެމްބަރުން ރަޝިއާގެ މޮސްކޯގައި ބާއްވާ އެ ކައިވެނީގެ ހަފްލާގައި ކުޅުމަށް ޓަކައި ފުރާފައި ވަނީ އިއްޔެ ހެނދުނު ކަމަށެވެ. އަދި އެ ހަފްލާގައި ކުޅުމުގެ ފުރުސަތު ހަރުބީ އަށް ލިބުނީ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމަށް އައިސް ހުރި ރަޝިއާގެ އަންހެނަކަށް ހަރުބީ ކުޅޭތަން ފެނިގެން އެނާ ދިން ދައުވަތެއްގެ ސަބަބުން ކަމަށެވެ.

"އެމީހަކަށް ހަރުބީގެ ޕާފޯމެންސް ކަމުގޮސްގެން އޭނާ ހަރުބީއާ ކޮންޓެކްޓްކުރީ ޓްރެވަލް އެޖެންސީއެއް މެދުވެރިކޮށް،" އޭނާ ބުންޏެވެ.

ހަރުބީގެ ބޮޑު ބެރު ގްރޫޕް ރަސިއާގައި -- ފޮޓޯ ހަރުބީ

ހަރުބީގެ ކެެއުން ބުއިމާއި ހުރުމާއި ދަތުރު ފަތުރުގެ އިންތިޒާމްތައް ހަމަޖައްސާފައި ވަނީ އެމީހުންނެވެ.

ހަރުބީގެ އިތުރުން އެ ކައިވެނީގެ ހަފްލާގައި ދުނިޔޭ މައްޝޫރު އިތުރު ބޭންޑްތަކެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަރުބީ ގްރޫޕް މާލެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ގަ އެވެ.

ހަރުބީ ގްރޫޕުން ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ގިނަ ޝޯތަކެއް ދީފައިވެ އެވެ. އޭގެތެރޭގައި އަވަށްޓެރި ސްރީލަންކާ މޭލޭޝިއާ، ޗައިނާއި އަދި ޖަރުމަންވިލާތް ހިމެނެ އެވެ.