ބުރިޖް އެޅުމުގެ މަސައްކަތް ކުރުމުގެ ގޮތުން ދިރާސާ ކުރުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި އިންވަސްޓްމަންޓް ބޯޑުގެ ޗެއާމަން އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި އަދީބް މިއަދު ވިދާޅުވީ ބުރިޖް އެޅުމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށާއި ބުރިޖުގެ ބުޑުތައް އަޅާނެ ސަރަހައްދުތައް ބެލުމަށް ކުރަން ޖެހޭ ސާވޭ އަންނަ ހުކުރު ދުވަހު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ޗައިނާގެ ސާވޭ ޓީމް މި މަހުގެ 23 ވަނަ ދުވަހު ރާއްޖެ އަންނާނެ. މިއީ ޗައިނާ އާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސް ވުމުގެ ދަށުން ހިންގާ ކަމެއް،" އަދީބް ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ރާއްޖެ އަށް މިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ޗައިނާ ސަރުކާރާއި ރާއްޖެ އާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ބުރިޖް ސާވޭ އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޮށްދޭ ކަމެއް ކަމަށް ވެސް އަދީބް ވިދާޅުވި އެވެ.

މިނިސްޓަރު އަދީބް ވިދާޅުވީ އެ ދިރާސާކޮށް ނިމޭނެ ވަކި ދުވަހެއް ވިދާޅުވާން އެނގޭނީ ދިރާސާގެ މަސައްކަތް ފެއްޓުމުން ކަމަށެވެ.