24 Jan 2011, 14:52
މިއަހަރު ރާއްޖެއަށް ހައިޑްރޯ ކްލޮރޯ ފްލޮރޯ ކާބަން (އެޗްސީއެފްސީ)ގޭސް އެތެރެ ކުރެވޭނެ ތިން ފަރާތެއް ހަމަޖައްސައި އެ ފަރާތްތައް މިއަދު ސަރުކާރުން އިއުލާންކޮށްފި އެވެ.
ތިމާވެއްޓާބެހޭ މިނިސްޓްރީން މިއަދު އާންމު ކުރި އެ ތިން ފަރާތަކީ ރެފްކޫލް އާއި ބްރައިޓް ބްރަދާސް އަދި މިލިއަން މޯލްޑިވްސް އެވެ. މިއިން ކޮންމެ ކުންފުންޏަކަށްވެސް މި އަހަރުތެރޭ އެތެރެ ކުރެވޭނީ 22.3 މެޓްރިކްޓަނުގެ އެޗްސީއެފްސީ އެވެ. މިނިސްޓްރީން މިއަދު ބުނީ އެ ތިން ފަރާތަށް އެޗްސީއެފްސީ ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދީފައިވަނީ ބީލަމަށްލައިގެން އެންމެ ރަނގަޅު ޕުރޮޕޯސަލެއް ހުށަހެޅީ އެ ތިން ފަރާތުން ކަމަށްވާތީ ކަމަށެވެ.
މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނަނީ 2020ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އެޗްސީއެފްސީ ބޭނުންކުރުން މުޅިން ހުއްޓާލުމަށް ސަރުކާރުން ނިންމާފައިވާތީ، 2011 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރުމަށް ނިންމާފައިވާ ކޯޓާގެ މިންވަރަކީ 67 މެޓްރިކްޓަންގެ އެޗްސީއެފްސީ ކަމަށެވެ. އޭނޫން ފަރާތްތަކުން އެޗްސީއެފްސީގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެ ކުރުމަކީ މަނާކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އެޗްސީއެފްސީ ހިމެނޭ ބާވަތްތައް ބޭނުންކުރުން މެނޭޖްކޮށް ކޮންޓްރޯލްކުރުމާއިބެހޭ ގަވާއިދުގައިވާގޮތުން އެޗްސީއެފްސީ ގަނެ، ވިއްކުމާއި ބޭނުންކުރުމަށް ވެސް ތިމާވެއްޓާބެހޭ މިނިސްޓްރީން ހުއްދައެއް ހޯދަން ޖެހެ އެވެ.
އެޗްސީއެފްސީ އަކީ ރެފްރިޖަރޭޓާ އަދި އެއާކޮންޑިޝަން ފަދަ ވަސީލަތްތަކުގައި ބޭނުން ކުރަމުން އަންނަ އޯޒޯން ފަށަލަ އަށް ގެންލުންދޭ ވިހަ މާއްދާ އެކެވެ.