ފުވައްމުލަކުގައި ބަނގުރާ ކެއްކުމަށް ތައްޔާރު ވަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ ޒުވާނަކާއި ކުޑަކުއްޖަކު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ކުޑަކުއްޖަކު ކަމަށެވެ. އަދި އެ ދެ މީހުންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 21:15ގައި ބަޔަކު މީހުން ބަނގުރާ ކައްކަން އުޅޭކަމަށް ޕޮލިސް އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި ބަނގުރާ ކެއްކުމަށް ތައްޔާރު ވަމުން ދަނިކޮށް އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު ހޯދަޑު އަވަށާއި ދިގުވާނޑުއަވަށް ގުޅޭ ހުރަސްމަގު ޗަކަބިން ސަރަޙައްދުން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންނާ އެކު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ލިޓަރުގެ ދެ ހަމުގެ އިތުރުން ބަނގުރާ ކެއްކުމަށް ތައްޔާރު ކުރަމުން ދިޔަ ސާމާނުތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 22 އަހަރުގެ މީހާއަކީ ތަފާތު އެކި ކަންކަމާ ގުޅިގެން ހަ ފަހަރެއްގެ މަތިން ހުއްޓުވައި ސުވާލުކުރުމުގެ އިތުރުން އަށް ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެކިއެކި މައްސަލަތަކާ ގުޅިގެން ފަސް ފަހަރެއްގެ މަތިން އޭނާ ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. އޭނާއަކީ މާރާމާރީގެ މައްސަލަތަކާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 16 އަހަރުގެ ކުއްޖާއަކީ ތަފާތު އެކި ކަންކަމާ ގުޅިގެން ހަތް ފަހަރެއްގެ މަތިން ހުއްޓުވާ ސުވާލުކުރުމުގެ އިތުރުން ހަތަރު ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކިއެކި މައްސަލަތަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ކުއްޖާއަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.