19 Oct 2014, 13:38
މަގުމައްޗަށް ނުވަތަ ލޯންޗުތަކަށް މާބަނޑު އަންހެނުން ވިހަންޖެހެނީ ސިއްހީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން އެކަށީގެންވާ މިންވަރަށް ފޯރުކޮށްނުދެވޭތީ ކަމަށް ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ފޫޅުމައިން މަސައްކަތަށް އަހުލުވެރިކުރުވުމުގެ ތަމްރީނު ޕްރޮގްރާމް ފެށުމަށް މިއަދު ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމު ވިދާޅުވީ މާބަނޑު އަންހެނުން މަގުމައްޗަށް ވިހާތަން ބަލަހައްޓައިގެން ތިބެވެން ނެތް ކަމަށާއި އެކަން އެގޮތަށް ދިމާވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދާދިފަހުން އިވިއްޖެ އަންހެނަކު މަގުމައްޗަށް، އޭގެ ފަހުން އަންހެނަކު ލޯންޗަކަށް ވިހޭ ވާހަކަ. އެއީ ބަލަހައްޓައިގެން ތިބެވޭނެ ކަންކަމެއް ނޫން. ސިއްހީ ހިދުމަތް ފޯރުކޮށްދެވެން އެބައޮތް. ނަމަވެސް އެކަށީގެންވާ މިންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްނުދެވޭތީ އެފަދަ ކަންކަން ދިމާވަނީ.،" ނާޒިމު ވިދާޅުވި އެވެ.
ނާޒިމު އިތުރަށް ވިދާޅުވީ 1970ގެ އަހަރުތަކުގެ ތަފާސްހިސާބުތަކާ އަޅާ ބަލާ އިރު މިހާރު ޅަފަތުގައި ކުދިން މަރުވާ އަދަދާއި ވިހެއުމުގެ ތެރެއިން މައިން މަރުވާ އަދަދު މަދުކުރެވިފައި ވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އޭގެ އިތުރުން މާބަނޑު އަންހެނުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އެމީހުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ކުރައްވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަގުމައްޗަށް ވިހެއުން ފަދަ ހާދިސާތައް މަދުކުރުމަށް މާބަނޑު އަންހެނުން ވީހާ ވެސް ބޮޑަކަށް އެކަމަށް އަހުލުވެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި މިއަދު ފެށި ޕްރޮގްރާމްގައި ތަމްރީނު ލިބޭ ފޫޅުމައިންނަކީ އެކަމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭ ބައެއް ކަމަށް ވެސް ނާޒިމު ފާހަގަކުރެއްވި އެވެ.
އެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ދާނީ މިމަހު 19 އިން 23 އަށް ގިރިފުށީގަ އެވެ.