19 Oct 2014, 13:22
ނ. ކުޑަފަރީ ސްޕޯޓްސް ވިލެޖްގެ މަސަތްކަތް ކުރިއަށްދާ ގޮތް ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ބައްލަވާލައްވައިފި އެވެ.
ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފުގެ ސީދާ ބެއްލެވުމުގެ ދަށުން އަޅަމުން އަންނަ ސްޕޯޓްސް ވިލެޖްގެ މަސަތްކަތް ކުރިއަށްދާ ގޮތް މިނިސްޓަރު މަލީހު މިއަދު ބައްލަވައިލެއްވީ ހަފްތާ ބަންދުގައި ޅ. އަތޮޅަށާއި ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރު ފުޅެއްގައި އުޅުއްވަމުންނެވެ.
ކުޑަފަރީގައި އަޅާ ސްޕޯޓްސް ވިލެޖުން ތަފާތު ގިނަ ކުޅިވަރުތަކާއި ގެސްޓް ހައުސްގެ ޚިދުމަތް ވެސް ލިބިގެންދާނެ ކަމަށް އެ ދާއިރާގެ މެންބަރު އަލީ މައުރޫފް ވަނީ ވިދާޅިވެފަ އެވެ. އަދި ވިލެޖް އަޅާ ނިމިގެންދާ އިރު އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައި ވިލެޖުގައި ސްވިމިންގް ޕޫލެއް ހެދުމުގެ އިތުރުން އެތާގެ ގްރީން އޭރިއާގައި އެރަށުގެ ރައްޔިތުން ދަތުރުފަތުރުކޮށް އުޅުމަށް ޖުމްލަ 200 ބައިސްކަލް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ ދާއިރާގެ މަޖިލިސް މެންބަރު އަލީ މައުރޫފް އާ އެކު އެ ރަށުގެ ފުޓްބޯޅަ ދަނޑާއި ކުޅިވަރު ކުޅޭ އެހެނިހެން ތަންތަން ބައްލަވާލައްވާފައިވެ އެވެ.
ސްޕޯޓްސްގެ ވިލެޖުގެ މަސަތްކަތް އަންނަ އަހަރު ނިމޭނެ ކަމަށް އަލީ މައުރޫފް ވަނީ ވިދާޅުވެފަ އެވެ.