އެބޯލާއަށް ފަރުވާއެއް ހޯދުމުގެ ގޮތުން ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އިނގިރޭސި ވިލާތުގައި ވަރަށް ބާރަށް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަ ބޭސްފަރުވާއަށް ޑްރަގް އުފައްދާ އެންމެ ބޮޑު ކުންފުނިކަމަށްވާ ގްލެކްސޯސްމިތްކްލައިން (ޖީއެސްކޭ)އާއި ހަވާލާދީ ރޮައިޓާސް އިން އިއްޔެ ބުނީ އެބޯލާއާ ދެކޮޅަށް ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދާ ކަމަށެވެ.

"އެބޯލާއާ ދެކޮޅަށް މަސައްކަތްކުރާނެ ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ހީނުކުރާ ވަރަށް ވުރެ އަވަހަށް ކުރިއަށް އެބަދޭ. އެ ވެކްސިންގެ ސަލާމާތީ ކަންކަން ބަލާ ޓަރަޔަލްތަކުގެ އެއްވަނަ ފޭސް މިހާރު ވަނީ އެމެރިކާ، ޔޫކޭ އަދި މާލީގައި ފަށާފައި. ކުރިއަށް އޮތް ހަފްތާތަކުގައި އިތުރު ޓަރަޔަލްތައް ވެސް ފަށާނެ." ޖީއެސްކޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށް ރޮއިޓާސްގައިވެ އެވެ.

ޖީއެސްކޭ އިން ބުނާ ގޮތުގައި އެ ކުންފުނިން އުފެއްދި ވެކްސިން މިހާރު ހަދަމުންދާ ޓްރަޔަލްތަކުގެ ނަތީޖާ ލިބޭނީ މިއަހަރު ނިމޭކޮޅުގަ އެވެ. އަދި އެނަތީޖާ ރަނގަޅުވެއްޖެ ނަމަ މިއަންނަ އަހަރުގެ ފެށޭކޮޅު އެބޯލާ ކޮންޓްރޯލް ކުރުމަށް ދެކުނު އެފްރިކާގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންނަށް ވެކްސިން ދެވޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށް ރޮއިޓާސް އިން ބުންޏެވެ.

ޖީއެސްކޭއިން އުފައްދާފައިވާ ވެކްސިން ވަނީ ޖަނަވާރުގައި ޓެސްޓުކުރުމަށް ފަހު ވަރަށް އުންމީދީ ނަތީޖާއެއް ހޯދާފައިކަމަށް ވެސް އެ އެޖެންސީ އިން ބުންޏެވެ. ރޯގާ ވައިރަސްގައި ހުންނަ ބަޔެއް ކަމަށްވާ އެޑިނޯވައިރަސް ބޭނުންކޮށްގެން ހަދާފައިވާ ޖީއެސްކޭގެ ވެކްސިން ޖަނަވާރުގައި ޓެސްޓުކުރުމުން އެވެކްސިން ވަނީ ޖަނަވާރުގެ އިމިއުން ސިސްޓަމް ނުވަތަ ދިފާއީ ނިޒާމު ބާރުގަދަކޮށް އެބޯލާ އާ ދެކޮޅަށް އެންޓިބޮޑީސް އުފައްދާފައި ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.

ދެކުނު އެފްރިކާގެ ސިއެރާ ލިއޯން، ގިނީ އަދި ލައިބީރިއާގައި 4500 އަށް ވުރެ ގިނަ މީހުން އެބައްޔެއް ޖެހިގެން މަރުވެފައިވާ އެބޯލާ ބައްޔަކީ މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ނުރައްކާތެރި ބައްޔެކެވެ. ނަމަވެސް އެބައްޔަށް ފަރުވާއެއް ހޯދުމަށް ގިނަ ޑްރަގް އުފައްދާ ކުންފުނިތަކުން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.