ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކުޅުމާ އެކު ރެއާލް މެޑްރިޑުން ލެވަންޓޭ ކޮޅަށް ފަސް ލަނޑު ޖަހައި ލީގުގައި އަނެއްކާ ވެސް ފުރިހަމަ މޮޅެއް ހޯދައިފި އެވެ.

މި ލިބުނު މޮޅާއެކު ރެއާލް މެޑްރިޑް އޮތީ ލަލީގާ ތާވަލުގެ ދެވަނައިގައި 18 ޕޮއިންޓާއެކުގަ އެވެ. ރެއާލް މެޑްރިޑަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެން ތިންވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތްއިރު އަދިވެސް އެންމެ ކުރީގައި އޮތީ ބާސެލޯނާ އެވެ. ބާސެލޯނާ އަށް ވަނީ ކުޅުނު އަށް މެޗުން ބާވީސް ޕޮއިންޓް ލިބިފަ އެވެ.

މެޑްރިޑުގެ ގެލެކްޓިކޯ ޓީމުން މެޗުގައި ޖެހި ފުރަތަމަ ގޯލް ފުރަތަމަ ހާފުގެ 13 ވަނަ މިނުޓުގައި ކާމިޔާބުކޮށްދިނީ ފޯވަޑް ރޮނާލްޑޯއެވެ. ރޮނާލްޑޯ ގޯލް ޖެހީ އެތްލެޓިކޯގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު ޖުއާންފްރާން މެޑްރިޑްގެ ތަރި ހާވިހާ ހާނަންޑޭޒް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ހާނަންޑެޒް ވަނީ ރެއާލް މެޑްރިޑަށް ގޯލެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. މެކްސިކޯގެ ކުޅުންތެރިއާ ގޯލް ޖެހީ 37 ވަނަ މިނުޓުގަ އެވެ.

މެޗުގެ 61 ވަނަ މިނުޓުގައި ރޮނާލްޑޯ ވަނީ މިސީޒަންގެ ލީގުގައި އޭނާ ޖެހި 16 ވަނަ ގޯލާ އެކު މެޑްރިޑްގެ ސަޕޯޓަރުން ހިތްހަމަޖައްސައިދީފަ އެވެ. ރޮނާލްޑޯ ގޯލް ޖެހިތާ މާގިނައިރެއް ނުވަނީސް އެޓީމަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ތަރި ޖޭމްސް ރޮޑްރިގޭޒްވެސް ވަނީ ސްކޯ ޝީޓުން ޖާގަ ހޯދާފަ އެވެ. ޖޭމްސް ގޯލް ޖެހީ ދެވަނަ ހާފުގެ 66 ވަނަ މިނުޓުގަ އެވެ.

މެޗުގައި ރެއާލް މެޑްރިޑުން ޖެހި ފަސް ވަނަ ގޯލް 82 ވަނަ މިނުޓުގައި ކާމިޔާބުކޮށް ދިނީ އިސްކޯ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑަށް ވަނީ އިތުރު ގޯލްތަކެއް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މިގޮތުން ފުރަތަމަ ހާފުގައި ރޮނާލްޑޯ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މި މެޗުގައި އޭނާ ކާމިޔާބުކޮށްދިން ދެގޯލާ އެކު ރޮނާލްޑޯ ވަނީ މިސީޒަންގެ ލީގުގައި އޭނާ އޭނާ ކުޅުނު ހަތް މެޗުން 16 ލަނޑު ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދީފަ އެވެ.