ސްޕެނިޝް ލީގުގައި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކާމިޔާބުކޮށްދިން 250 ވަނަ ގޯލާ އެކު ބާސެލޯނާ އިން އެއިބާގެ މައްޗަށް ކުރިހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ބާސެލޯނާ އިން ޖެހި ހުރިހާ ގޯލެއްވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގަ އެވެ. މެޗުގެ 60 ވަނަ މިނުޓުގައި މެސީގެ އެސިސްޓަކާ އެކު ސްޕެއިންގެ ތަޖުރިބާ ކާރު މިޑްފީލްޑާ ޒާވީގެ ގޯލުން ބާސާ ލީޑު ނެގި އިރު 72 ވަނަ މިނުޓުގައި ޒުވާން ފޯވަޑް ނޭމާ ވަނީ ގޯލެއް ޖަހައި ބާސާ އަށް މެޗުގެ ނަތީޖާ ފުޅާ ކޮށްދީފަ އެވެ.

ނޭމާ ގޯލް ޖެހިތާ މާގިނައިރެއް ނުވަނީސް 74 ވަނަ މިނުޓުގައި ލިއޮނެލް މެސީ ވަނީ ބާސާ އަށް އިތުރު ގޯލެއް ކާމިޔާބުކޮށްދިނެވެ. މިއީ ސްޕެއިންގެ ފުރަތަމަ ޑިވިޝަންގައި އާޖެންޓީނާގެ ކުޅުންތެރިއާ ކާމިޔާބުކުރި 250 ވަނަ ގޯލެވެ. ސްޕެއިން ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖަހައިފައި ވަނީ އެތްލެޓިކޯ ބިލްބާއުގެ ލެޖެންޑް ޓެލްމޯ ޒާރާ އެވެ. އޭނާ 251 ގޯލް ކާމިޔާބުކޮށްފައިވާ އިރު މިރެކޯޑް ބިންދާލުމަށް ދެން މެސީ އަށް ބޭނުން ވަނީ އެންމެ ދެގޯލެވެ.

މެޗުގައި ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު މެސީ އަށް ވަނީ އެއިބާގެ ގޯލް ފޫއަޅުވައި ގިނަ ގޯލްތަކެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މިގޮތުން ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އޭނާ ފޮނުވާލި ފުރަތަމަ ހަމަލާގެ ހުރަހަކަށްވީ އެއިބާގެ ޑިފެންޑަރެކެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އެއިބާގެ ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ބާރު ބޯޅަ ދިޔައި ގޯލައާ އަމާޒުނުވެ ހުރަސް ދަނޑި މަތިން ބޭރަށެވެ. ދެވަނަ ހާފުގައި ނޭމާ ފޮނުވާލި ހަމަލާތައް އެއިބާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

އެއިބާ އަތުން މި ލިބުނު މޮޅާ އެކު ބާސެލޯނާ އިން 22 ޕޮއިންޓާއެކު ވަނީ ލަލީގާ ތާވަލުގެ އެންމެ ކުރީގައި ހަމަޖެހިލާފަ އެވެ. ދެވަނައިގައި 17 ޕޮއިންޓާ އެކު ވާދަވެރި ރެއާލް މެޑްރިޑް އޮތް އިރު ތިންވަނައިގައި އޮތީ އެތްލެޓިކޯ މެޑްރިޑް އެވެ.