އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ އޭޝިއާގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭޝިއަން ކަޕުގައި މެޝް ކޮމިޝަނަރުކަން ކުރުމުގެ ފުރުސަރު ރާއްޖޭގެ މެޗް ކޮމިޝަނަރެއް ކަމަށްވާ އަހުމަދު ޝާހިރަށް ލިބިއްޖެ އެވެ.

އޭޝިއަން ކަޕުގެ 16 ވަނަ މުބާރާތް އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ އިރު މި މުބާރާތުގެ ކޮންމެ ވެނިއުއަކަށް މެޝް ކޮމިޝަނަރެއް ހަމައްޖައްސާފައިވެ އެވެ. އެގޮތުން ޝާހިރަށް ފުރުސަތު ލިބުނީ މުބާރާތުގެ ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވާ ސިޑްނީގެ ސްޓޭޑިއަމް އޮސްޓްރޭލިއާ އިންނެވެ.

މިއީ ޝާހިރަށް އޭޝިއަން ކަޕުގައި މެޗް ކޮމިޝަނަރުކަން ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ޝާހިރު ވަނީ މީގެ ކުރިން އޭޝިއާގެ ބޮޑެތި ކްލަބް މުބާރާތްތަކުގައި މެޗް ކޮމިޝަނަރުކަންކޮށްފަ އެވެ. މިގޮތުން މި އަހަރު އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭޝިއަން ޗެމްޕިއަންސް ލީގުގެ މެޗުތަކެއްގައި ޝާހިރު ވަނީ މެޗް ކޮމިޝަނަރު ކަން ކޮށްދީފަ އެވެ. އަދި 2012 ވަނަ އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި މެޗް ކޮމިޝަނަރުކަން ކުރީ ވެސް ޝާހިރު އެވެ.

ޝާހިރަކީ ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު ކަމުގެ އިތުރުން އެފްއޭއެމްގެ މުހިއްމު އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ރާއްޖޭގެ މަޝްހޫރު މެޗް ކޮމިޝަނަރު އަބްދުލް ހަމީދު އަބްދުލް ޢަފޫރު (އައްޑޮ) ވަނީ މީގެ ކުރިން އޭޝިއަން ކަޕުގެ މެޗުތަކުގައި މެޗް ކޮމިޝަނަރުކަންކޮށްފަ އެވެ.