19 Oct 2014, 13:06
އިންޑިއަން ސުޕާ ލީގުގައި މުމްބާއީ ސިޓީ އިން ޕޫނެ އެފްސީ ކޮޅަށް ފަސް ލަނޑު ޖަހައިފި އެވެ. ބްރެޒިލް އަށް އުފަން އަންދްރޭ މޯރްޓިޒްގެ ހެޓްރިކް ފެނިގެން ދިޔަ މެޗުގައި ޕޫނޭ އެފްސީ ކޮޅަށް ފަސް ލަނޑު ޖަހާ މުމްބާއީ އެފްސީ އިން ވަނީ ސުޕާ ލީގުގެ އެންމެ ކުރިން ދެވަނައަށް ޖެހިލާފަ އެވެ.
މެޗުގައި މުމްބާއީ އެފްސީގެ ފަރާތުން ފެނިގެން ދިޔަ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ފޯވަޑް މޯރްޓިޒް އެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފު ފަށައިގެން މާގިނަ އިރުތަކެއް ނުވެ 12 ވަނަ މިނުޓުގަ އެވެ. އަދި 27 ވަނަ މިނުޓުގައި ދެވަނަ ލަނޑު ޖެހި އިރު ސުބާޝް ސިންގް ވަނީ 37 ވަނަ މިނުޓުގައި ލަނޑެއް ޖަހައި މުމްބާއީ އެފްސީ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ.
ދެވަނަ ހާފުގެ 71 ވަނަ މިނުޓުގައި 28 އަހަރުގެ މޯރްޓިޒް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގައި މުމްބާއީ އެފްސީގެ އިން ޖެހި ފަސްވަނަ ލަނޑު 85 ވަނަ މިނުޓުގައި ކާމިޔާބުކޮށްދިނީ ހާވިއާ ލެޓްޒެލްޓާ އެވެ.
މުމްބާއީ އެފްސީގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގައި އެޓީމުގެ ފޯވަޑް މޯރްޓިޒްގެ އިތުރުން ސުބާޝް ސިންގްގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ. މިދެ ކުޅުނެތެރިންގެ ޕާޓްނާޝިޕް ދަނޑުމަތީގައި ފުރިހަމައަށް މަސަތްކަތް ކުރިއިރު ދެހާފުގައި ވެސް މުމްބާއީގެ ދެފޯވަޑުން ވަނީ ޕޫނޭގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.
ޕޫނޭ އެފްސީގެ މަށްޗަށް މި ލިބުނު މޮޅާ އެކު މުމްބާއީ އެފްސީ އޮތީ ސުޕާ ލީގުގެ ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބަލިވި ޕޫނޭ އޮތީ އެއް ޕޮއިންޓާ އެކު ތާވަލުގެ ހަވަނައިގަ އެވެ. އެންމެ ކުރީގައި މިހާތަނަށް ކުޅުނު ދެމެޗު ވެސް ކާމިޔާބުކޮށްގެން އެތުލެޓިކޯ ޑި ކޮލްކާތާ އޮތް އިރު ތިންވަނައިގައި އޮތީ ޗެންނާއީ އެފްސީ އެވެ.