19 Oct 2014, 13:03
ވޮލީ ބޯލް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ހަތަރުވަނަ އޮފީސް، ކޮމްޕެނީތަކުގެ ބީޗް ވޮލީ ބޯޅަ މުބާރާތް ސްޓެލްކޯ އާއި ކަސްޓަމްސް އިން ކާމިޔާބުކޮށްފި އެވެ.
އިއްޔެ ކުރިއަށް ދިޔަ ފައިނަލްގައި ފިރިހެން ޑިވިޝަނުން ސްޓެލްކޯ މުބާރާތް ކާމިޔާބުކޮށްފައި ވަނީ ކަސްޓަމްސް އާއި ވާދަކޮށްގެންނެވެ. އަދި އަންހެން ޑިވިޝަނުން ކަސްޓަމްސް މުބާރާތް ކާމިޔާބު ކުރީ މޯލްޑިވްސް ރޯޑް ޑީވެލޮޕްމެންޓް ކޯޕަރޭޝަން އާ ވާދަ ކޮށްގެންނެވެ.
މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ބައިވެރި ވެފައިވެ އެވެ. އެއީ ދިރާގާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އާއި ސިޓީ ކައުންސިލް އަދި މޯލްޑިވްސް ކަސްޓަމްސް އެވެ. މީގެ އިތުރުން ޕްރެޒިޑެންޓް އޮފީހުންނާއި މާލޭ ވޯޓާ ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ސްޓެލްކޯ އަދި އިމިގްރޭޝަނުން ވެސް އެ މުބާރާތުގައި ބައިވެރި ވެފައިވެ އެވެ.
ދެ ދުވަހަށް ކުރިއަށް ދިޔަ އެ މުބާރާތުގެ ފައިނަލްގެ އިތުރުން ސެމީ ފައިނަލް ވެސް ކުޅެފައި ވަނީ އިއްޔެ އެވެ. މެޗު ނިމުމަށް ފަހު މުބާރާތުގެ އެކި އެކި ވަނަތަކަށް އައި ފަރާތްތަކަށް ހަނދާނީ ލިޔުމާއި ތަށި އަދި މެޑަލް ވަނީ ހަވާލުކޮށްފަ އެވެ.