24 Jan 2011, 14:28
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުން ގެންގުޅެނީ ޑިމޮކްރެޓިކް އުސޫލުތައް ފުނފުނޑުކޮށްލުމުގެ ފިކުރެއް ކަމާށާއި އެ އުސޫލަށް ދުވަހަކު ވެސް ތާއީދެއް ނުކުރައްވާނެ ކަމަށް ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެސީ ތަންފީޒުކުރުމުގައި ސަރުކާރާ އެކީގައި މަސައްކަތް ކުރެއްވުމުގެ ފިކުރު ތަސްމީން ގެންގުޅުއްވާ ކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ތަސްމީން މިއަދު ވިދާޅުވީ، ޑިމޮކްރެޓިކް ފިކުރެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި އެ ފިކުރާއި އޭނާ ގެންގުޅުއްވާ ފިކުރާ ވަރަށް ތަފާތު ކަމަށެވެ.
~
"މިއަދުގެ ސަރުކާރުން ކަންތައް ކުރައްވަނީ ޑިމޮކްރެޓިކް އުސޫލަކާ އެއްގޮތަކަށް ނޫން. އެބޭފުޅުން ނޭދޭ ގޮތަކަށް މަޖިލީހުގެ ކަންތައްތައް ދާން ފަށައިފިއްޔާ ފެންނާނެ މަޖިލީހުގެ ފާރު މައްޗަށް އެމްޑީޕީގެ މީހުން ފޮނުވައިގެން ލައުޑް ސްޕީކަރު ބަހައްޓައިގެން، އެކި ގޮތްގޮތުން ބިރުދައްކައި އެކިކަހަލަ ފިއްތުންތަކާ އެކި ކަހަލަ ހަދިޔާ ދީގެން މަޖިލިސް ތެރޭ ކަންތައްތައް އަނބުރާލަން މަސައްކަތްކުރާތަން. އެހެންވީމަ، އަޅުގަނޑު ގަބޫލުކުރާ އުސޫލާ މިއަދު ސަރުކާރުން އެ ގެންގުޅުއްވާ އުސޫލާ ވަރަށް ބޮޑަށް ތަފާތު އިނގޭތޯ. އަޅުގަނޑަކީ ޑިމޮކްރެޓިކް އުސޫލަށް ފުރިހަމައަށް އިހުތިރާމްކުރާ އެގޮތުގައި ހުންނަން ބޭނުންވާ މީހެއް،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން އިތުރަށް ވިދާޅުވި ގޮތުގައި، އިންތިހާބެއް ކައިރިވާ ކޮންމެ ދުވަސްކޮޅެއްގައި ރައީސް ނަޝީދު ވަރަށް "ހިތްޕުޅު ހެޔޮ"ކަމާ އެކީ ތަސްމީނަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަނީ ސަރުކާރުން ފުއްދައިދޭން ބުނި ވައުދުތައް ފުއްދިފައިވާ މިންވަރަށް ބަލައި، ދައްކަވާނެ އިތުރު ވާހަކައެއް ނެތިގެންނެވެ.
"މީގެ ބޭނުމަކަށް މިވަނީ ދެން އެހެން ގޮތެއް ނެތުނީމާ ޑިމޮކްރެޓިކް އުސޫލުން ވާދަކުރައްވައިގެން އިންތިހާބެއް ކާމިޔާބުކުރެއްވޭނެ ގޮތެއް ނެތުނީމާ އަދި ޚާއްސަކޮށް އެބޭފުޅުން ވައުދުވެވަޑައިގެންނެވި ކަންތައްތައްތަކާ އެ ކަންތައްތައް ކޮށްދެއްވައިފައިވާ މިންވަރަށް ބަލައިގެން ރައްޔިތުން ކުރިމަތީ ދައްކާނެ ވާހަކައެއް ނެތީމަ އަޅުގަނޑުމެންގެ ތެރޭ ވެސް ކޮންމެވެސް ވަރަކަށް ފިތުނަ ކުރެވޭތޯ މަސައްކަތްޕުޅު ކުރެއްވުން،" ތަސްމީން ވިދާޅުވި އެވެ.
ރޭ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓެއްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ފުރިހަމަ ޑިމޮކްރަސީއެއް ގާއިމް ކުރުމަށް އިދިކޮޅު ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތައް ސަރުކާރާ އެކު މަސައްކަތް ކުރަން ބޭނުން ނުވި ނަމަވެސް، ސަރުކާރާ އެކީ މަސައްކަތް ކުރުމުގެ ފިކުރެއް ތަސްމީންގެ ކިބައިގައި ހުންނަވާ ކަމަށެވެ.
"އަބަދުވެސް ފެނޭ ތަސްމީނުގެ ފިކުރެއް ހުންނަ ކަން، ޑިމޮކްރަސީއެއް ތަންފީޒު ކުރުމުގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރެވިދާނެ ކަމަށް" ރައީސް ވިދާޅުވި އެވެ. "އެކަން ކުރައްވަން އުޅުއްވިޔަސް އެހެން ބޭފުޅުން އެބަ ތިއްބަވާ މާދަމާ ތިންމަންނާ އަށް ވެރިކަން ބޭނުންވެގެން އެކަމަށް އަލުން އަނބުރާ އައުމަށްޓަކައި އެ އުއްމީދުގައި ތަސްމީނު ވެސް ގުރުބާން ކުރަން."