ރައްޔިތުންގެ މަޖިލީހުގެ ހއ. ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްލަތީފް މުހައްމަދު (ފުނަމާ ލަތީ) އާއި ދިއްދޫ އެލްއެލް ސްޕޯޓްސް ގުޅިގެން ބޭއްވި "އެއްލައްކަ ކަޕު"' ފުޓުބޯޅަ މުބާރާތުގެ ތަށި ބްލެކް ޒީނޯ އުފުއްލާލައިފި އެވެ.

ދިއްދޫގައި އިއްޔެ ކުޅުނު ފައިނަލްގައި ބްލެކް ޒީނޯ އިން މުބާރާތް ކާމިޔާބުކޮށްފައި ވަނީ ނާޑު ސްޕޯޓްސް އަތުން 2-0 ލަނޑުން މޮޅުވެގެންނެވެ.

މޮޅުވާ ޓީމަށް 100،000 ރުފިޔާގެ ފައިސާ އިނާމު ހަވާލުކޮށްފައިވާ މިއީ ރާއްޖޭގައި ކުޅޭ އެންމެ އަގުބޮޑު އެއް ފުޓުބޯޅަ މުބާރާތެވެ.

މުބާރާތުގެ ގިނަ އިނާމުތަކެއް ބްލެކް ޒީނޯއަށް ލިބިފައިވާ އިރު މުބާރާތް ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ގައުމީ ޓީމުގެ ކޯޗު ޑްރޭގޯ މަމިޗެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލެކް ޒީނޯގެ ހަސަން އަބްދުއްލަތީފެވެ. އެންމެ މޮޅު ޑިފެންޑަރަކަށް މޮޅުވި ޓީމުގެ އަބްދުﷲ ސުޖާއު ހޮވުނު އިރު އެންމެ މޮޅު ފޯވާޑަކަށް ވެސް ހޮވިފައި ވަނީ އެ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު ނައުޝާދެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވިފައި ވަނީ ނާޑު ސްޕޯޓްސްގެ މުހައްމަދު ރަޝީދެވެ. މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ޓީނޭޖް ސްޕޯޓްސް ކްލަބުގެ މުހައްމަދު މުއާޒު ހޮވިފައިވާ އިރު ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ މޮޅުވި ޓީމެވެ.