ލ. ގަން ތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލި މައްސަލައިގެ ތަހުގީގުގައި ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރު ޝަރީއަތަށް ހާޒިރު ކުރަން ޖުވެނައިލް ކޯޓުން ނިންމައިފިއެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކަމަށާއި ޝަރީއަތަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފުލުސް އޮފިސަރު ހާޒިރު ކުރާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ކުއްޖާގެ ދިފާއީ ވަކީލު ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމެންޓްރީ ހެކިތަކާ ގުޅޭގޮތުން ވާހަކަދައްކާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ގާޒީ އަންގަވާފައިވާ ގޮތުގެމަތިން ދައުލަތުގެ ފަރާތުން މިއަދު ވަނީ ނިޒާރުގެ ވާރިސުންނާ ބެހޭ މައުލޫމާތު ޝަރީއަތަށް ހުށަހަޅާފައެވެ. އަދި ނިޒާރު ބެއްލެވި ޑޮކްޓަރު ރާއްޖޭގައި ހުންނެވިތޯ ޗެކްކުރުމަށް ޝަރީއަތުން މިއަދު ވަނީ ދައުލަތަށް އަންގާފައެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

ދައުލަތުން އެ ކުއްޖާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހާކަން ހާއިރު، ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް ނިޒާރު ސައިކަލުގައި ދަނިކޮށް އެ ކުއްޖާ އިތުރު ބަޔަކާ އެކު، އެ މަގުގައި ދިރާގު އެންޓަނާ ހުންނަ ސަރަހައްދުން ލަކުޑި ބުރި އާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިނުމުން ލިބުނު ޒަޚަމްތަކުގެ ސަބަބުން ނިޒާރު މަރުވެފައިވާ ކަމަށެވެ.

އެ ކުއްޖާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ސިޔާސީ މަގުސަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހަކު ނުވަތަ މީހުން މެރުމާއި ނުވަތަ އެފަދަ މަގުސަދެއްގައި މީހަކަށް ނުވަތަ ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަކަމެއް ކުރުމަށް އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.

އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ ޓެރަރިޒަމްގެ ކުށެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މެރުން ނުވަތަ އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުން ކަމަށެވެ. އަދި އެފަދަ ކުށެއް ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ އެވެ.