19 Oct 2014, 11:37
މިއަދުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދު ކަމުގައިވާ "ބެޔަސް ނުބެޔަސް" ސުކީމް މުރާޖާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ސީނިއާ ރިސާޗް އޮފިސަރު އާދަމް ޒިޔާދު މިއަދު 'ސަން' އަށް ވިދާޅުވީ، "ބެޔަސް ނުބެޔަސް" ސުކީމްގައި މިހާތަނަށް ބައިވެރިވެފައި ވަނީ އެންމެ ދޯންޏަކުން 20 މަސްވެރިއެއް ކަމަށްވާ އިރު އެ ސުކީމް މުރާޖާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެ ސުކީމް އަލުން މުރާޖާ ކުރަނީ ތަރުހީބް ކުޑަވުމުން ނޫން ކަމަށާއި ކުރިން ވެސް އެގޮތަށް ނިންމާފައިވާތީ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
"މުރާޖާކޮށް ނިންމާލީމާ އެނގޭނީ އަންނާނެ ބަދަލުތައް، ސީދާ ބަދަލުތަކެއް އަންނާނޭ އަދި ނާންނާނޭ ބުނާކަށް ވެސް ނޭނގެ. އަޅުގަނޑުމެން މިހާރު ކުރަމުންދާ މަސައްކަތަކީ ކަރުދާހުގެ މަސައްކަތް. ހަމައެހެންމެ ކުރިއަށް އޮތްތަނުގައި މަސްވެރިންނާއި މަޝްވަރާ ވެސް ކުރާނަން،" ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ، އެ ސުކީމުގައި ބައިވެރިވުމުގެ ފުރުސަތު ރިވިއުކޮށް ނިމުމުން ހުރިހާ ބާވަތެއްގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ވެސް ސުކީމުގައި ބައިވެެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވޭ އިރު އެ ސުކީމްއިން ލިބޭ ފައިސާގެ އަދަދު ބޮޑުވުން ވެސް އެކަށީގެންވާ ކަމަށެވެ. އެ ސުކީމް މުރާޖާ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށް ބެލެވޭކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
ބެޔަސް ނުބެޔަސް ސުކީމްގެ ދަށުން މިހާރު ފައިސާ ދޫކުރަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން 65 ފޫޓަށް ވުރެ މަތީގެ އުޅަނދުތަކަށް 10،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު، ސުކީމްގައި ބައިވެރިވުމަށް އެ ފަރާތްތަކުން ކޮންމެ މަހަކު ޕްރިމިއަމްގެ ގޮތުގައި 500 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި 45 ފޫޓާއި 65 ފޫޓާ ދެމެދުގެ އުޅަނދުތަކުގައި މަސްވެރިކަން ކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައި ވަނީ 5،000 ރުފިޔާ އެވެ.
އެ ސުކީމްގައި ބައިވެރިވުމަށް އެ ފަރާތްތަކުން ވެސް ކޮންމެ މަހަކު ދައްކަން ޖެހޭނީ 400 ރުފިޔާ އެވެ. އަދި 45 ފޫޓުން ދަށުގެ އުޅަނދުތަކަށް 3،500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ސުކީމްގައި ބައިވެރިވުމަށް އެފަރާތްތަކުން ދައްކަން ޖެހޭނީ މަހަކު 350 ރުފިޔާ އެވެ.