ދިވެހި ފަންނާނުން ކުރިއެރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ ދިވެހި ފަންނާނުން މެދުވެރިިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ސައުންޑްސް އޮފް މޯލްޑިވްސް" ޝޯގެ ޓިކެޓް އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.

އިންޑިއާގެ ބެންގަލޫރުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ ޝޯގެ ޓިކެޓް ވިއްކަން ފަށާފައި ވަނީ އެ ޝޯގެ އިވެންޓް ޕާޓްނަރު، އިންޑިއާގެ ބީޓީއޯއެސް އިން "ބުކް މައި ޝޯ"ޕޭޖްމެދުވެރިކޮށެވެ.

ޔޫބީ ސިޓީގައި އޮންނަ އެ ޝޯގެ ޓިކެޓް އޮންލައިންކޮށް ވިއްކަނީ 500 ރުޕީސް އާއި 1000 ރުޕީސް އަށެވެ. އޭގެ އިތުރުން ބީޓީއޯއެސް އިން ވަނީ ޝޯ ބަލަން ބެންގަލޫރުގެ ޔޫބީ ސިޓީއަށްދާ ފަރާތްތަކަށް ހާއްސަކޮށް އަގުހެޔޮ އެކޮމޮޑޭޝަން ޕެކޭޖްތަކެއް ވެސް ތައާރަފުކޮށްފަ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސްގެ އިވެންޓްތައް މީގެ ކުރިން ރާއްޖެ އާއި ސްރީލަންކާ އަދި މެލޭޝިއާގައި ބާއްވާފައިވާ އިރު މިއަހަރުގެ ޝޯގައި ދަ ކޮޕްސް އާއި ފަސީ، ޕައިޑޭ، ފައްތު، މުއްމު، ދައި، ޑީޖޭ ޕައިޑޭ ފަދަ ފަންނާނުންގެ އިތުރުން ބޮޑުބެރާއި ނޮތްނެގަލް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ސައުންޑްސް އޮފް މޯލްޑިވްސް 2014ގެ މެއިން ސްޕޮންސާ އަކީ އެސްޓީއޯ އެވެ. އޮފިޝަލް ހޯސްޓްއަކަށް ޔޫބީ ސިޓީ ހަމަޖައްސާފައިވާ އިރު ޓިކެޓިން ޕާޓްނަރަކީ ބުކްމައިޝޯ ޑޮޓް ކޮމް އެވެ.

ދިވެހި ރިކޯޑްސް އިން ބެންގަލޫރުގައި ބާއްވާ ފަސްވަނަ ޝޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.