19 Oct 2014, 10:01
"ޑިޖޭންގޯ އަންޗެއިންޑް" އާއި "އޮސާޖް ކައުންޓީ" ފަދަ ފިލްމު ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ މިސްޓީ އުޕްހަމް ގެއްލިގެން ހޯދަނިކޮށް ވަލުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ބީބީސީ އިން ބުނި ގޮތުގައި 32 އަހަރުގެ މިސްޓީ އުޕްހަމް މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދާތާ 11 ދުވަސް ފަހުން އެމެރިކާގެ ސިޓީއެއް ކަމަށްވާ ސިއެޓްލް ކައިރީގައި އޮންނަ ވަލަކުން ކަމަށެވެ. މިސްޓީ އުޕްހަމްގެ ފުރާނަ ނެތް ހަށިގަނޑު ވަލުތެރެއިން ފެނިފައި ވަނީ އޭނާގެ ރައްޓެހިންނާއި ގާތްތިމާގެ މީހުން އޭނާ ހޯދުމަށް އެސަރަހައްދު ބަލަނިކޮށް ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.
މިސްޓީ މަރުވެފައިވާ ހަށިގަނޑުފެނުމުން އެސަރަހައްދަށް އެވަގުތު އައި ފުލުހުން ބުނެފައި ވަނީ މިސްޓީގެ މަރަކީ މީހަކު ރާވައިގެން ކުރިކަމެއް ކަމަށް ނުފެންނަ ކަމަށެވެ.
"މިސްޓީގެ މަރަކީ މީހަކު ރާވައިގެން ކުރި ކަމެއް ކަމަށް އަންގައިދޭ ކަހަލަ އެއްވެސް ހެއްކެއް ނުވަތަ މައުލޫމާާތެއް އަދި ލިބިފައެއް ނެތް،" ފުލުހުންގެ ކޮމާންޑާ ސްޓީވް ސްޓޮކާ ބީބީސީ އަށް ބުންޏެވެ.
"ބައިޕޯލާ ޑިސްއޯޑާ" ނަމަކަށް ކިޔާ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުން އައި މިސްޓީ އުޕްހަމް ވަނީ އޭނާގެ ބައްޔަށް ބޭސް ކެއުން ހުއްޓާލާފައި ކަމަށާއި އޭނާ އަމިއްލައަށް މަރުވާން ބޭނުންވި ކަމަށް ވެސް ޝައްކުކުރެވޭކަމަށް މިސްޓީ އުޕްހަމްގެ ބައްޕަ ޗާލްސް އުޕްހަމް ބީބީސީއަށް ބުންޏެވެ. ނަމަވެސް މިސްޓީ މަރުވެފައި އޮއްވާ ފެނުމުން މިސްޓީގެ އާއިލާގެ ތެެރެއިން ގިނަ މީހުން ގަބޫލުކުރާ ގޮތުގައި އޭނާ މަރުވީ އަމިއްލައަކަށް ނޫނެވެ.
"އާއިލާ އިން ބުނި ގޮތުގައި މިސްޓީގެ ހަށިގަނޑު ފެނުމުން އެމީހުންނަކަށް ހިޔެއްނުވޭ މިސްޓީ އުޕްހަމް އަމިއްލަ އަށް މަރުވީހެނެއް" އާއިލާގެ ރައްޓެއްސެއް އަދި ފިލްމް އުފައްދާ މީހެއްކަމަށްވާ ޓްރޭސީ ރެކްޓާ ބީބީސީއަށް ބުންޏެވެ.
ޓްރޭސީ ރެކްޓާ ބުނި ގޮތުގައި މިސްޓީ ގެއްލުމާއި ގުޅިގެން މިސްޓީގެ އާއިލާއިން ވަނީ އޭނާ ހޯދުމަށް އެދި ފުލުހުންގެ ގާތު އެހީއަށް އެދިފަ އެވެ. ނަމަވެސް އެކަމަށް ފުލުހުންގެ ފަރާތުން އެއްވެސް އެހީއެއް ލިބިފައިނުވާ ކަމަށް އޭނާ ފާހަގަކުރި އެވެ.
މިސްޓީ އުޕްހަމްގެ އާއިލާގެ ފަރާތުން ވާހަކަ ދައްކަމުން ޓްރޭސީ ރެކްޓާ ބީބީސީ އަށް ބުނި ގޮތުގައި މިސްޓީ ގެއްލުނީ މިމަހުގެ 5 ވަނަ ދުވަހު އެވެ. އަދި އެކަން އޯބާން ފުލުހުންނަށް އެންގުމުން އެމީހުން ވަނީ އެހީވުމަށް އިންކާރުކޮށްފައި ކަމަށާއި ފުލުހުންގެ ފަރާތުން އެއްވެސް ސަމާލުކަމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުނިކަމަށް އެނޫހުގައިވެ އެވެ.
މިސްޓީ އުޕްހަމް ގެއްލުމުން ފުލުހުންގެ ސަމާލުކަން ނުލިބުނީ އޭނާ އަކީ ނޭޓިވް އެމެރިކަން އަކަށް ވުމުން ކަމަށް މީޑިއާގެ ރިޕޯޓުތަކުން ބުނެ އެެވެ. އެމެރިކާގައި މިހާރު ވަޒަންވެރިވެގެން އުޅޭ ބައިގަނޑާއި އެގައުމުގައި އެންމެ ކުރީއްސުރެ ދިރިއުޅެމުން އައި މީހުން (ނޭޓިވް އެމެރިކަންސް) އާއި ދެމެދު ޒާމާނުއްސުރެ ހަމަނުޖެހުންތަކެއް އޮވެ އެވެ. ނޭޓިވް އެމެރިކަންސް އާއި ޚިލާފަށް އެމެރިކާގައި ހިނގަމުން އަންނަ ޖަރީމާތަކާ ޚިލާފަށް އަޑުއުފުލާ ވާހަކަ ދައްކާ އެކަކު ކަމުގައި މިސްޓީ އުޕްހަމް ވާނެ އެވެ.
"މިސްޓީ އަކީ ވަރަށް ގިނައިން ނޭޓިވް ކޮމިއުނިޓީގައިވާ ނާއިންސާފީ ކަންކަމާއި ދެކޮޅަށް ވާހަކަ ދައްކާ މީހެއް. އޭނަގެ ބައިވަރު ދުޝަމަނުން ވެސް ތިބޭ. ފުލުހުން އޭނާގެ މަރު ރަނގަޅަށް ތަހުގީގުކުރަން ޖެހޭނެ،" މިސްޓި އުޕްހަމްއާ އެކު މަސައްކަތްކުރި އެކްޓްރެސްއެއް ކަމަށްވާ ޖޫލިއެޓް ލޫވިސް ޓްވީޓް ކޮށްފައިވެ އެވެ.
ޖަނަވާރުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޗެރިޓީއެއް ކަމަށްވާ ޕީޓާއިން ބުނި ގޮތުގައި މިސްޓީ އަކީ ޖަނަވާރުން ދެކެވެސް އިންތިހާއަށް ލޯބިވާ ރަނގަޅު މީހެކެވެ. އިންޑިޕެންޑަންޓް ސްޕިރިޓް އެވޯޑަށް ނޯމިނޭޓްވި މިސްޓީ އުޕްހަމް އާއި އެކު އޮސާޖް ކައުންޓީގައި މިދިޔަ އޮގަސްޓް މަހު މަސައްކަތްކުރި މެރިލް ސްޓްރީޕް ބުނީ މިސްޓީގެ މަރަކީ މުޅި ދުނިޔެއަށް ވެސް ލިބުނު ގެއްލުމެއް ކަމަށެވެ.