ވޮޝިންޓަން (އޮކްޓޯބަރ 19) : އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތާ ދެކޮޅަށް މިހާރު ދެމުންގެންދާ ޙަމަލާތައް އަމާޒުކުރަނީ އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ ސޫރިޔާގެ ތެޔޮ ސާފުކުރާ ރިފައިނަރީތަކަށާއި ތެޔޮރައްކާކުރާ މަރުކަޒުތައް ހަލާކުކޮށްލުމަށް ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވެ ދިޔަ ދެ ދުވަހު އެމެރިކާގެ ވައިގެ ބާރުތަކުން އައިއެސްއަށް ދިން ޙަމަލާތައް އަމާޒުކުރީ އެޖަމާއަތުގެ އަތްދަށުގައިވާ ސޫރިޔާގެ ތެލުގެ އިންޑަސްޓްރީއަށް ކަމުގައެވެ. ނަމަވެސް އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ސޫރިޔާގެ ތެލުގެ މަރުކަޒުތަކަށް އެޙަމަލާތަކުން ލިބުނު ގެއްލުންތައް އެމެރިކާ ހާމަކޮށްފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއާއި އެމެރިކާގެ ކޮމާންޑްގެ ދަށުން މަސައްކަތްކުރާ ގައުމުތަކުގެ ވައިގެ ބާރުތަކުން ފާއިތު ހަފްތާ ތެރޭގައިވަނީ ސޫރިޔާގެ ކޮބާނީގައިވާ އައިއެސްގެ އަމާޒުތަކަށް ވަރަށް ގިނަ ޙަމަލާތަކެއް ދީފައެވެ. މިޙަމަލާތަކާއި ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިން އެއްގަމު މަގުން ދެމުން ގެންދާ ހަމަލާތަކާ އެކު އައިއެސްގެ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއްވެ ކޮބާނީގެ ބައެއް ސަރަހައްދުތަކުން އެމީހުންވަނީ ފަހަތަށް ވެސް ޖެހިފަ އެވެ. ނަމަވެސް އަތްދަށުންދިޔަ ކޮބާނީގެ ބިންތައް އަލުން އަނބުރައި ހޯދުމަށް އައިއެސް އިން ރައްދު ޙަމަލާތަކެއް މިހާރު ފަށާފައިވާ ކަމަށް ޚަބަރުލިބެ އެވެ.
އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ސޫރިޔާގެ ތެޔޮ ސާފުކުރާ ރިފައިނަރީތަކަށާއި ތެޔޮރައްކާކުރާ މަރުކަޒުތަކަށް ޙަމަލާތައް ދިނުމުގެ ބޭނުމަކީ ތެލުގެ ވިޔަފާރިކޮށްގެން އެ ޖަމާއަތަށް ލިބެމުންދާ ފައިސާއާއި އާމްދަނީގެ ދޮރުތައް ބަންދު ކުރުންކަމަށް އެމެރިކާ ބުނެއެވެ. ސޫރިޔާގެ ތެޔޮ ކަޅުބާޒާރުގައި ވިއްކައިގެން ދުވާލެއްގެ މައްޗަށް މިލިޔަނަކަށްވުރެ ގިނަ ޑޮލަރު ގެ އާމްދަނީއެއް އައިއެސްއަށް ލިބޭކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)