މެޑްރިޑް : (އޮކްޓޯބަރ 19) : ފަލަސްތީނުން އިޢްލާންކޮށްފައިވާ މިނިވަން ދައުލަތް ގަބޫލުކޮށް އެ ދައުލަތަށް އިއްތިރާފްވުމަށް ގޮވާލާ ގަރާރެއް ސްޕޭންގެ ޕާލަމެންޓަށް ހުށަހަޅައިފި އެވެ.

ސްޕޭންގެ ޕާލަމެންޓްގައި ހިމެނޭ ސޯޝަލިސްޓް ފިކުރުގެ ޕާލަމެންޓްރީ ގްރޫޕުން ބުނީ މިގަރާރު ސްޕޭންގެ ޕާލަމެންޓަށް ހުށަހެޅީ އެ ގްރޫޕުން ކަމަށާއި ސްޕޭންގެ ޕާލަމެންޓުން ދެން ބާއްވާ ޖަލްސާއެއްގައި މިގަރާރާ ބެހޭ ގޮތުން މެންބަރުން ބަހުސް ކުރައްވާނެކަމުގަ އެވެ. ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރުމަށް ގޮވާލާ ގަރާރެއް ހުޅަނގު ޔޫރަޕްގެ އެހެން ގައުމެއް ކަމަށްވާ އަޔަލޭންޑްގެ ޕާލަމެންޓުން ވެސް މިހާރު ގެންދަނީ ބަހުސް ކުރަމުންނެވެ.

މިދިޔަ ހަފްތާގައި އިނގިރޭސިވިލާތުގެ ޕާލަމެންޓް ކަމަށްވާ ހައުސް އޮފް ކޮމަންސްގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާ ގަރާރެއް ފާސްކޮށްފަ އެވެ. އޭގެ ކުރިން ޔޫރަޕްގެ އެހެން ގައުމެއްކަމަށްވާ ސްވިޑްން ގެ ސަރުކާރުން ވެސް ވަނީ އެގައުމުން ވަރަށް އަވަހަށް ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށް އެދައުލަށް ރަސްމީ ސިފައެއްގައި ބަލައިގަންނާނެކަން އިއްލާންކޮށްފަ އެވެ. ޔުރަޕްގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވުމަށް ގޮވާލައި އެގައުމުތަކުގެ ޕާލަމެންޓްތަކުން ފާސްކުރާ ގަރާރުތަކުގެ ސަބަބުން އިސްރާއީލާއި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.

ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަށް ގޮވާލާ މިފަދަ ގަރާރުތައް ޔޫރަޕްގެ ޕާލަމެންޓްތަކުން ފާސްކުރުމުގެ ސަބަބުން މިފަދަ އިތުރު ގަރާރުތައް ފާސްކުރުމަށް ޔޫރަޕްގެ އެހެންގައުމުތަކަށް ވެސް ހިއްވަރުލިބި ހުޅަނގު ޔޫރަޕްގެ ހުރިހާ ގައުމުތަކަކުން ފަލަސްތީނުގެ ދައުލަތަށް ގަބޫލުކުރާ ހިސާބަށް ކައިރި މުސްތަގްބަލެއްގައި ކަންތައްތައް ދިޔުމަކީ އެކަށީގެންވާކަމެއްކަމަށް މުޙައްލިލުން ދެކެއެވެ. މިއީ ބައިނަލްއަގްވާމީ މުޖްތަމައުގައި މިހާރު ވެސް އެކަހެރިވެފައިވާ އިސްރާއީލު މިހާރަށް ވުރެ ބޮޑަށް އެކަހެރިވެގެންދާނެ ކަމެވެ. ޔޫރަޕްގެ ގައުމެއް ކަމަށްވާ ސްވިޑްންގެ ސަރުކާރުން ވެސް ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އެގައުމުން ވަރަށް އަވަހަށް އިޢްތިރާފްވާނެކަން ހާމަކޮށްފަ އެވެ. (އަލްޖަޒީރާ)