ލ. އަތޮޅާއި ތ. އަތޮޅާއި އައްޑު އަތޮޅުގެ ރަށްރަށުގައި ބޯ ފެން ހުސްވެ ފެނަށް ޖެހެމުންދާތީ އެ ދެ ތިން އަތޮޅަށް ބޭނުންވާ ބޯފެން، އިމެޖެންސީކޮށް ހޯދުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން މިއަދު ފަށައިފި އެވެ.

ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ ދެކުނުގެ އައްޑު އަތޮޅާއި ލ. އަތޮޅާއިޮ ތ. އަތޮޅުގައި ބޯ ފެން ހުސްވަމުންދާތީ އިމެޖެންސީކޮށް އެ ތިން އަތޮޅަށް ފެން ސަޕްލައިކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން މިއަދު އިއުލާން ވެސް ކޮށްފައިވާނެ ކަމަށެވެ.
~
"ފެނުގެ މައްސަލަ ދިމާވެގެން މިއުޅެނީ އައްޑު އާއި ލ. އަދި ތ. އަތޮޅަށް. މި ތިން އަތޮޅަށް ވެސް ފެނުގެ މައްސަލަ ބޮޑަށް ދިމާވެފައިވާނީ ހޮސްޕިޓަލު ފަދަ ސިއްހީ ހިދުމަތާއި އެނޫން ވެސް އެފަދަ ހިދުމަތްދޭ ތަންތަނަށް. އައްޑު އަތޮޅަށް މިހިނދަށް ވެސް 10 ޓަނުގެ ފެން ބޭނުންވޭ." ޝާހިދު ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ތިން އަތޮޅަށް ދިމާވި ބޯފެނުގެ މައްސަލަ ހައްލުކޮށްދިނުމަށް ސިފައިނގެ އެހީއާއެކު މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި ފެނުގެ ދަތިކަން ބޮޑުވެފައިވާފައި ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށަށް މިޙާރު ފެނުގެ ދަތިކަން ހައްލުކޮށްދޭން ފަށާފައިވާ ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑުމެނަށް ފެން އުފުލައިދޭނެ މީހުން ނުލިބުން. ދޯނިފަހަރު ނުލިބުން،" ޝާހިދު ވިދާޅުވި އެވެ. "ފެނުގެ ދަތިކަން ކުރިމަތިވެފައި ވިޔަސް އަދި ނުރައްކާތެރި ލެވެލަކަށް ނުދޭ. އެކަމު އަހަރުގެ މިހާ ހިސާބުން ފެނުގެ މައްސަލަ ދިމާވުމުން އަޅުގަނޑު ލަފާ ކުރަނީ މި އަހަރު ވަރަށް ބޮޑަށް ފެނުގެ ދަތިކަން ރަށްރަށް ދިމާވެދާނެ ކަމަށް. އެކަމަށް އަޅުގަނޑުމެން ތައްޔާރުވާނަން،" ޝާހިދު ވިދާޅުވި އެވެ.