19 Oct 2014, 00:57
ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ކުރީގައި ޗެލްސީ ހޯދާފައިވާ ފަސް ޕޮއިންޓުގެ ލީޑު އެޓީމުން ދަމަހައްޓައިފި އެވެ.
މި ނަތީޖާއާ އެކު ޕްރިމިއާ ލީގު ތާވަކުގެ ކުރީގައި ޗެލްސީ އޮތީ ކުޅުނު އަށް މެޗުން 22 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 17 ޕޮއިންޓާއެކު މެންޗެސްޓާ ސިޓިއެވެ. 16 ޕޮއިންޓާއެކު ތިން ވަނައިގައި ސައުތުހެމްޓަން އޮތްއިރު ވެސްޓްހޭމް ވަނީ 13 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރުވަނަށްއަށް ކުރިއަށް ޖެހިލައިފަ އެވެ.
ޕެލަސްގެ ސެލްހާސްޓް ޕާކްގައި ކުޅުނު މި މެޗުގެ ހަ ވަނަ މިނިޓްގައި ޗެލްސީއަށް މެޗުގެ ކުރި ހޯދައިދިނީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ޕެލަސްގެ ގޯލްތެރެއަށް ފޮނުވާލައިގެން ބްރެޒިލް މިޑްފީލްޑަރު އޮސްކާ އެވެ.
ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޕެލަސްގެ މިލޭ ޖެޑިނަކަށް ހޯޒޭ މޮރީނިއޯގެ ޓީމުގެ ސްޕެއިން ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ކްރެއިގް ޕޯސަން ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އެހެން ނަމަވެސް ޕެލަސްއަށް އޭގެ ފައިދާ ނެގޭ ގޮތް ނުވެގެން އުޅެނިކޮށް އޭގެ ދެ މިނިޓް ފަހުން ރެފްރީ ވަނީ ދެ ރީނދޫ ކާޑާއެކު ޕެލަސްގެ އަޔަލޭންޑް ޑިފެންޑަރު ޑެމިއަން ޑިލާނީއަށް ރަތްކާޑެއް ދައްކައި ކޮޅަކަށް 10 ކުޅުންތެރިންނަށް ހަދައިފައެވެ.
ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ 51 ވަނަ މިނިޓްގައި ކާމިޔާކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ސެސް ފަބްރެގާސްއެވެ. މިއީ އާސެނަލްގެ ކުރީގެ ކެޕްޓަން، ބާސެލޯނާއިން ޗެލްސީއަށް ބަދަލު ވުމަށްފަހު އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލީގު ގޯލެވެ. އަދި 2010 ވަނަ އަހަރުގެ ފަހުން އޭނާ ކާމިޔާބުކުރި ފުރަތަމަ ޕްރިމިއާ ލީގު ގޯލެވެ.
ޕެލަސް ކާމިޔާބުކުރި ހަމަ އެކަނި ލަނޑު މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވާޑް ފްރެއިޒާ ކެމްޕްބެލް އެވެ.
އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 2-2 އިން ހަލް ސިޓީއާ އެއްވަރުވެ ހަނިގޮތަކަށް ސަލާމަތްވެފައެވެ. ޓޮޓެންހަމް އަތުން މެންޗެސްޓާ ސިޓީ 4-1 ލަނޑުން މޮޅުވި އިރު، ސައުތުހެމްޕްޓަން ވަނީ ސަންޑަލޭންޑު އަތުން 8-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެސްޓަން ވިލާ އަތުން 3-0 އިން އެވަޓަން މޮޅުވި އިރު ވެސްޓްހޭމް ވަނީ 3-1 އިން ބާންލީ ބަލިކޮށްފައެވެ. އަދި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ނިއުކާސަލް މޮޅުވީ 1-0 ލަނޑުންނެވެ.