އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮސްޓްސްޕާ ކޮޅަށް ސަޖިއޯ އަގުއެރޯ ޖެހި ހަތަރު ލަނޑާއެކު 4-1 އިން ފަސޭހަ ކަމާއެކު މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ކޮންމެ ހާފެއްގައި އަގުއެރޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރެއިން ދެ ލަނޑު ޕެނަލްޓީން ކާމިޔާބުކުރި އިރު އޭނާ ވަނީ މިރޭ އެއް ޕެނަލްޓީ ބޭކާރުވެސް ކޮށްލައިފަ އެވެ.

އަގުއެރޯ މިރޭ ކާމިޔާބުކުރި ހަތަރު ލަނޑާއެކު ޖުމުލަ ނުވަ ލަނޑު ކާމިޔާބުކޮށްގެން އާޖެންޓީނާ ފޯވާޑް ވަނީ މިސީޒަންގެ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ޗެލްސީގެ ސްޕެއިން ފޯވާޑް ޑިއެގޯ ކޮސްޓާއާ ލަނޑުގެ ގޮތުން ހަމަހަމަކޮށްފައެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާ [އަގުއެރޯ] މިވަނީ ސާބިތުކޮށްދީފައި ކީއްވެކަން މީހުން ބުނަނީ އޭނާއަކީ ދުނިޔޭގެ އެންމެ މޮޅެތި ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަން،" އަގުއެރޯއަށް ތައުރީފް ކުރަމުން ސިޓީގެ ކޯޗް މެނުއެލް ޕެލެގްރިނީ ބުންޏެވެ.

މެޗުގެ 13 ވަނަ މިނިޓްގައި ސިޓީގެ ފުރަތަމަ ލަނޑު އަގުއެރޯ ކާމިޔާބުކުރީ ފްރޭންކް ލަމްޕާޑް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އެހެން ނަމަވެސް އޭގެ ދެ މިނިޓް ފަހުން ރޮބާޓޯ ސޮލްޑާޑޮ ތަނަވަސް ކޮށްދިން ފުރުސަތަކުން ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އެރިކް ލަމެލާ ލަމްޕާޑަށް ފައުލްކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ލަނޑު ކާމިޔާބުކޮށް އަގުއެރޯ ސިޓީއަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދިނީ 20 ވަނަ މިނިޓްގައެވެ.

ސިޓީއަށް ދެ ވަނަ ޕެނަލްޓީ ލިބުނީ، ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޔޫނުސް ކަބޫލް ސިޓީގެ ޑޭވިޑް ސިލްވާއަށް ފައުލްކުރުމާ ގުޅިގެންނެވެ. އެހެން ނަމަވެސް އަގުއެރޯ ފޮނުވާލި ބާރު ޕެނަލްޓީ ޓޮޓެންހަމްގެ ގޯލް ކީޕަރު ހޫގޯ ލޮރިސް ވަނީ މަތަކޮށްފަ އެވެ.

ފަހު ހާފުގެ 62 ވަނަ މިނިޓްގައި މެޗުގެ ނަތީޖާ ހަމަހަމަކުރަން ޓޮޓެންހަމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ރޮބާޓޯ ސޮލްޑާޑޯ ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށްވީ ސިޓީގެ ކީޕަރު ޖޯ ހާޓެވެ.

މެޗުގެ 67 ވަނަ މިނިޓްގައި ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ އާޖެންޓީނާ ޑިފެންޑަރު ފެޑެރިކޯ ފެޒިއޯ އަގުއެރޯއަށް ކުރި ފައުލަކާ ގުޅިގެން ސިޓީއަށް އިތުރު ޕެނަލްޓީއެއް ދީ ރެފްރީ ވަނީ ފެޒިއޯއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އަގުއެރޯ ހެޓްރިކް ހެދީ 68 ވަނަ މިނިޓްގައެވެ. އަދި ފާނަންޑިނިއޯ ތްރޫ ޕާހަކުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅަ ހޯދައިގެން ޓޮޓެންހަމްގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެން ސިޓީގެ ފަހު ލަނޑު އަގުއެރޯ ކާމިޔާބުކޮށްދިނީ 75 ވަނަ މިނިޓްގައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު 17 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެ ވަނައިގައި އޮތް ސިޓީ ވަނީ 22 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތް ޗެލްސީއާ ދެމެދު އޮތް ފަސް ޕޮއިންޓުގެ ފަރަގު ދަމަހައްޓައިފައެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެލެގްރިނީ ބުނީ، އިންޓަނޭޝަނަލް ބްރޭކަކަށް ފަހު ކުޅޭ ފުރަތަމަ މެޗު އަބަދުވެސް އުނދަގޫ ކަމަށާއި އެހެން ނަމަވެސް މިރޭގެ މެޗުގައި ލިބުނު ކާމިޔާބާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުގައި ހަތަރު ލަނޑު ކާމިޔާބުކުރެވުނު އިރު، ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ އަދަދު ބުނަން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީޝިއޯ ޕޮކެޓިނޯ އެޓީމުން ލަނޑު ޖެހިފަހުން ސިޓީއަށް ލިބުނު ފުރަތަމަ ޕެނަލްޓީއާ ހަމައިން އޭނާގެ ކުޅުންތެރިންނަށް މެޗު ގެއްލުނު ކަމަށް ގަބޫކުކުރާ ކަމަށެވެ. އަދި މޮޅެތި ކުޅުންތެރިންތަކެއް ތިބި ސިޓީގެ ވަރުގަދަ ޓީމުއަތުން ބަލިވި ނަމަވެސް ރަނގަޅު ކަންތައްތަކެއް ހުރި ކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ ސީޒަންގައި ސިޓީ މި ދެޓީމު ލީގުގައި ކުޅުނު ދެ މެޗުން ފުރަތަމަ މެޗުން ސިޓީ މޮޅުވީ، 6-0 ލަނޑުންނެވެ. ދެވަނަ އަށް ކުޅުނު މެޗުން 5-1 ލަނޑުން ސިޓީ މޮޅުވެފައިވާ އިރު، މިރޭގެ މެޗާއެކު މިދެޓީމުގެ އެންމެ ފަހުގެ ތިން ކުރިމަތިލުމުގައި ސިޓީން ވަނީ ޓޮޓެންހަމްގެ ގޯލަށް 15 ލަނޑު ވައްދާލައިފައެވެ.