މާލޭ ސިޓީ ކައުންސިލާއި ވިލިމާލޭގެ ރައްޔިތުން ގުޅިގެން އެރަށް ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މިރޭ 'ސަން' އަށް ވިދާޅުވީ ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމް ހިންގާފައި ވަނީ މިއަދު ހެނދުނު 8:30 އިން ހަވީރު 5:30 އާ ހަމައަށް ކަމަށެވެ.

ވިލިމާލޭ ރައްޔިތުންގެ އިސްނެގުމަކަށް ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ސިޓީކައުންސިލްގެ 18 ވަރަކަށް މުވައްޒަފުންނާއި ވިލިމާލޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން ސިފައިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އެ ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފް ވިދާޅުވިއެވެ.

ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމް ކުރިއަށްދަނީ ---- ސަން ފޮޓޯ: ކިޔުންތެރިއެއް
އޭނާ ވިދާޅުވީ "މަގޭ ވިލިމާލެ ސާފު ވިލިމާލެ" މި ޝިއާރުގެ ދަށުން މިއަދު ސާފުކުރެވިގެން ދިޔައީ އެރަށުގައި ހުންނަ އެކިއެކު ހުސްބިންތަކާއި އަތިރިމައްޗާއި ބާބަކިޔު ސަރަހައްދުކަމަށެވެ.

ސިޔާސީ ކުލަތައް އެއްފަރާތްކޮށްފައި ހުރިހާ ފަރާތްތަކުން ކުރި އެ މަސައްކަތުން މުޅި ވިލިމާލެ ސާފުކުރެވިފައިވާ ކަމަށްވެސް ހުސައިން ޝަރީފް ވިދާޅުވިއެވެ.
ވިލިމާލެ ސާފުކުރުމުގެ ޕްރޮގްރާމް ކުރިއަށްދަނީ ---- ސަން ފޮޓޯ: ކިޔުންތެރިއެއް
ޑެޕިއުޓީ މޭޔަރު ޝިފާ ވިދާޅުވީ ވިލިމާލެ ސާފުކުރުމަށް ޚާއްސަ ވެހިކަލެއް ނެތުމުން ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްގެންދަނީ މާލޭގައި ބޭނުންކުރާ ވެހިކަލް އެރަށަށް ގެންގޮސްގެން ކަމަށެވެ.