ފަހު ހާފުގެ އިތުރު ވަގުތުގައި ޑެނީ ވެލްބެލް ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވެ އިނގިރޭސި ޕްރިމިއަ ލީގުގައި މިރޭ ހަލްސިޓީ އަތުން ބަލިނުވެ އާސެނަލް ސަލާމަތް ވެއްޖެ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 13 ވަނަ މިނިޓްގައި އެޓީމަށް ކުރި ހޯދައި ދިނީ ބާސެލޯނާއިން މިސީޒަންގައި އެޓީމާ ގުޅުނު ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ. މިއީ އޭނާ އާސެނަލަށް ކާބުކޮށްދިން ތިން ވަނަ ލީގު ލަނޑެވެ. އަދި ހުރިހާ މުބާރާތަކުން އާސެނަލަށް ޖަހައިދިން ހަ ވަނަ ލަނޑެވެ.

އާސެނަލުން ލަނޑު ކާމިޔާބުކުރިތާ ހަތަރު މިނިޓް ތެރޭގައި ހަލްއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ލަނޑު މެޗުގެ 17 ވަނަ މިނިޓްގައި ޖަހައި ދިނީ، އެޓީމުގެ ސެނަގާލް މިޑްފީލްޑަރު މުޙައްމަދު ޑިއާމީ އެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި ހަލްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް އާސެނަލް ސިއްސުވާލައިފައެވެ. 46 ވަނަ މިނިޓްގައި ޓޮމް ހަޑްލްސްޓޯން އާސެނަލް ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވައިލީ ހަލްގެ އުރުގުއާއީ ފޯވާޑް އަބެލް ހެނާންޑޭޒް އެވެ.

އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ އާސެނަލް ދަމަހައްޓަމުން އަންނަ ރެކޯޑް 21 މެޗު ހަމަނުވެ ނިމުމަކަށް އަތުވެދާނެ ކަމުގެ ބިރު ހީވެފައިވައި ވަނިކޮށް ފަހު ހާފުގެ އިތުރު ވަގުތުގައިއާސެން ވެންގާގެ ޓީމު ސަލާމަތް ކޮށްދިނީ މެންޗެސްޓާ ޔުނައިޓެޑުން އެޓީމާ ގުޅުނު އިނގިރޭސި ފޯވާޑް ވެލްބެކް އެވެ. މިއީ ވެލްބެކް އެޓީމަށް ކުޅުނު ހަތް މެޗުން ކާމިޔާބުކުރި ފަސް ވަނަ ލަނޑެވެ.

މިނަތީޖާއާ އެކު އާސެނަލް އޮތީ ލީގު ލީޑަރު ޗެލްސީއަށް ވުރެ 11 ޕޮއިންޓު މަދުން ލިބިގެން ތާވަލުގެ ހަ ވަނައިގައެވެ.