18 Oct 2014, 21:41
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދޭތެރޭ މަދުވެގެން ހަފްތާ އަަކު އެއްް ފަހަރު އާގު ބޯޓެއްް އޮޕަރޭޓް ކުރުމާ ބެހޭ ގޮތުން ރާއްޖޭގެ ޕޯޓްސް އޮތޯރިޓީގެ އޮފިޝަލުންނާއި ކޮޗިން ޕޯޓް ޓްރަސްޓާއި އަދި ވަލަރަމްޕަޑަމް ޓްރާންޝިޕްމަންޓް ކޮންޓެއިނާ ނާމިނަލްގެ އޮފިޝަލުގެ މެދުގައި މަޝްވްރާކޮށްފި އެވެ.
އިންޑިއާގެ ދަ އިކޮނަމިކް ޓައިމްސް އިން އިއްޔެ ބުނީ އެ ބައްދަލުވުން އޮތީ ކޮޗިންގައި ހުކުރު ދުވަހު ކަމަށެވެ.
އެ ނޫސް ބުނާ ގޮތުން ރާއްޖެ އަށް ކޮންމެ އަހަރަކު 1.5 ބިލިއަން ޑޮލަރުގެ (23.13 ބިލިއަން ރުފިޔާ) މުދާ އެތެރެ ކުރެ އެވެ.
ކޮޗިން އިން ފުރައިގެން ރާއްޖެ އަށް 30 ގަޑި އިރުގެ ތެރޭގައި ބޯޓު ފަހަރަށް އާދެވޭ ކަމަށާއި އަދި އެއީ ރާއްޖެ އާ އެންމެ ކައިރީގައި އޮންނަ ޕޯޓް ކަމަށް ވެސް އެެ ނޫހުން ބުންޏެވެ. އެކަމަކު އިންޑިއާގެ އުފެއްދުންތައް ވެސް ގިނައިން ރާއްޖެ އަށް އެތެރެ ކުރަނީ ލަންކާ މަގުންނާއި ދުބާއީ އަދި ސިންގަޕޫރު މަގުން ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
އެހެން ކަމާ އެކު 600 ކޮންޓެއިނަރުގެ ބޯޓު ފަހަރު ހަފުތާއެއްގެ ތެރޭގައި ރާއްޖެ އަށް އޮޕަރޭޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ކޮޗިންގެ ޕޯޓުން ނެރުނު ޕްރެސް ރިލީސް އަކާ ހަވާލާދީ ދަ އިކޮނަމިކް ޓައިމްސް އިން ބުނީ އެފަދަ ނިޒާމެއް ގާއިމު ކުރެވިއްޖެ ނަމަ ރާއްޖެ އަށް މުދާ އިމްޕޯޓް ކުރުމަށް ކުރާ ހަރަދު ކުޑަވެ، މިހާރު މުދާ ހުސްވުމުން ވައިގެމަގުން ގެންނަން ޖެހޭ އަދަދު ވެސް ދަށަށްދާނެ ކަމަށެވެ.
އެ މީޓިންގައި ބައިވެރިވި ޑީޕީ ވޯލްޑް ކޮޗިންގެ ސީއީއޯ، ކޭކޭ ކްރިޝަނާދަދަސް ވިދާޅުވީ ކޮޗިން މެދުވެރިކޮށް ރާއްޖެ އަށް މުދާ ފޮނުވޭނެ ގޮތްތަކަކާ ބެހޭ ގޮތުން މިހާރު މަސައްކަތް ފައްޓާފައިވާ ކަމަށެވެ.
ކޮޗިން ޕޯޓްގެ ޗެއާމަން ޕޯލް އެންތަނީ އާ ހަވާލާދީ އެ ނޫހުން ބުނީ 100 އޭކަރުގެ ފްރީ ޓްރޭޑް ގުދަނެެއް ރާއްޖެ އަށް ފޮނުވާ މުދަލަށް ފުދޭނެ ކަމަށެވެ. ކޮޗިންނާއި ޓެމިލްނާޑޫގެ ޝިޕިން ކުންފުނިތަކާއި ވިޔަފާރި އަދި ތެޔޮ ކުންފުނިތަކަށް އެ ފުރުސަތުގެ ބޭނުންކޮށް ރާއްޖެ އާ ދެމެދު ހަލުއި ދަތުރުތައް ކުރެވޭނެ ގޮތްތައް ބެލުމަށް މިހާރު އަންގާފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.