18 Oct 2014, 20:34
މިއަދު ބޭއްވި މ. އަތޮޅު ކޮޅުފުށީ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކޮށްފި އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ނަސީރާ ވާދަކޮށް އެމްޑީޕީ ކެންޑިޑޭޓް ހުސެއިން ޝާމިލު އެ ގޮނޑި ކާމިޔާބު ކުރީ 333 ވޯޓު- 355 ވޯޓުންނެވެ.
ބާވީސް ވޯޓުގެ ތަފާތަކުން އެމްޑީޕީ ކެންޑިޑޭޓް އެ ގޮނޑި ކާމިޔާބު ކުރި އިރު، މާލޭގައި ބެހެއްޓި ވޯޓުފޮށިން ނާސިރަށް ލިބުނީ 81 ވޯޓެވެ. ޝާމިލް އަށް މާލެ އިން ވަނީ 113 ވޯޓުލިބިފަ އެވެ.
ކޮޅުފުށީގައި ބެހެއްޓި ވޯޓު ފޮށިން އެމްޑީޕީ ކެންޑިޑޭޓަށް 242 ވޯޓު ލިބުނު އިރު ޕީޕީއެމް ކެންޑިޑޭޓަށް ވަނީ 252 ވޯޓުލިބިފަ އެވެ.
ކޮޅުފުށީ ކައުންސިލްގެ ބައިއިލެކްޝަނެއް ބޭއްވީ އެ ކައުންސިލްގެ މެންބަރު އިބްރާހީމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިދިޔަ މަހު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަން ވެސް ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޓޭޓް އަލީ ފަހުމީ އަހްމަދެވެ. އޭނާ އެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު އާމިނަތު އީނާ އާ ވާދަކޮށް، 869 - 1067 ވޯޓުންނެވެ.