18 Oct 2014, 18:36
ނުރައްކާތެރި އެބޯލާ ވައިރަހުގެ ސަބަބުން އާންމުންގެ ތެރޭގައި ނަފްސާނީ ބިރުވެރިކަމެއް އުފެދިގެންދިޔަ ނުދީ، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު އެކަންކަމާ ދޭތެރޭގައި ފިކުރުކުރުމަށް އެމެރިކާގެ ރައްޔިތުންނަށް އެގައުމުގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.
ހަފްތާއަކު އެއްފަހަރު ގައުމާ މުހާތަބުކޮށް އޮބާމާ ދެއްވަވާ ތަގުރީރުގައި ހޮނިހިރު ދުވަހު ވިދާޅުވީ، އެބޯލާގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވާ ހުޅަނގުއެފްރިކާގެ ގައުމުތަކަށް، ދަތުރުފަތުރު ނުކުރުމަށް ނިންމުމަކީ ވެސް އޭގެ ސަބަބުން ކަން ރަނގަޅުވުމުގެ ބަދަލުގައި ގޯހުންގޯހަށް ހިނގައިދާނެ ވިސްނުމެއް ކަމަށެވެ.
" ރައްޔިތުން، ވެރިން، ހަބަރުފަތުރާ ވަސީލަތްތައް - އަހަރެމެން އެންމެން ޝާމިލުވާގޮތަށް މިކަމުގައި ނަގަންޖެހޭ ޒިންމާތަކަކާއި އަދާކުރަން ޖެހޭ ވާޖިބުތަކެއް އެބަހުރި،" އޮބާމާ ވިދާޅުވި އެވެ.
"މިއީ ނުރައްކާތެރި ބައްޔެއް، އެކަމަކު އަހަރެމެންނަކަށް ނެތް މިކަން ބިރުވެރިކަމެއްގެ ތެރެއަށް ދޫކޮށްލައިގެން ތިބެވޭކަށް – ސަބަބަކީ އެގޮތަށް ކަންތައް ކުރުމުން މިބައްޔާބެހޭ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރިހަމަ މައުލޫމާތު ލިބިމަށް ހުރަސްއެޅިގެންދޭ. މިފަދަ އިލްމީ ހަގީގަތްތަކުން އަހަރެމެން ރަނގަޅުގޮތް ހިޔާރުކުރާން ޖެހޭ. އަހަރެމެން މިފަދަ ހަގީގަތްތައް ހަނދާން ނައްތާލައިގެން ނުވާނެ."
އޮބާމާ މިގޮތަށް ވާހަކަފުޅު ދައްކަވާފައި މިވަނީ، އެބޯލާގެ ނުރައްކާ އިންތިހާއަށް ގޮސްފައިވާ ކަމަށާއި އެ ބައްޔާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާ ނާކާމިޔާބު ވެދާކަމަށް ވޯލްޑް ބޭންކުން އިންޒާރުދީ، މިހާތަނަށް އެބޯލާ ޖެހުނު ކަމަށް ރިޕޯޓް ކުރެވިފައިވާ 9216 މީހުންގެ ތެރެއިން އޮކްޓޫބަރު 14 އާ ހަމައަށް 4555 މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މައުލޫމާތު އާންމުކޮށްފައި ވަނިކޮށެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ހުސްވި ހަފްތާ ތެރޭގައި ވަނީ، ލައިބީރިއާ، ސިއެރަލިއޯން އަދި ގިނީން އެމެރިކާއަށް މީހުން އެތެރެވުން މަނާކޮށްދެއްވުމަށް އޮބާމާއަށް ގޮވާލައްވައިފައެވެ.
އޮބާމާ ވިދާޅުވީ، ހުޅަނގު އެފްރިކާގެ ގައުމުތަކަށް ދަތުރުފަތުރު ކުރުން މެދުކަނޑައިލުމަށް ހުށަހަޅާފައިވާ ހިޔާލުތަކާ ދެކޮޅު ނުހައްދަވާ ކަމަށެވެ. އެހެން ނަމަވެސް "އަހަރެމެންނަށް ހުޅަނގު އެފްރިކާއާ ގުޅުން ކަނޑާލައިގެން ނުތިބެވޭނެ،" ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްފި ނަމަ، އެ ބަލި ހުއްޓުވާން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރަށް ހުރަސްއެޅިގެން ދާނޭ ކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.
އެމެރިކާގައި އެބޯލާ ޖެހިގެން އޮކްޓޫބަރު 8ގައި ލައިބީރިއާ މީހަކު މަރުވެފައިވާ އިރު، އެމީހާއަށް ފަރުވާދިން ދެ ނަރުހުން ވަނީ އެބޯލާއަށް 'ޕޮޒިޓިވް'ވެފައެވެ. ނަމަވެސް އޮބާމާ ވިދާޅުވީ، މިއީ އަދި މުޅި އެމެރިކާއަށް ފެތުރިފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި އަދި ބެލެވެން ނެތްކަމަށެވެ.
އެބޯލާ ކޮންޓްރޯލް ކުރުމަށް ވަގުތު ނަގާނޭ ކަމަށް އިންޒާރު ދެއްވަމުން އޮބާމާ ވިދާޅުވީ، "މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ނައްތާލުމުގެ ކުރިން، އެކަހެރި ކުރަންޖެހޭ ބަލިމީހުންގެ އަދަދު އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" ކަމަށެވެ.