ލަންކާގެ ހޮސްޕިޓަލްތަކުން އެޕޮއިންޓްމަންޓް ހެދޭ ގޮތަށް ވަތަނިއްޔާ އިން "އީ ޗެނަލިން" ގެ ޚިދުމަތް ތަޢާރަފް ކޮށްފި އެވެ.

ސްރީލަންކާގައި އީޗެނަލިން ޕްރައިވެޓް ލިމިޓެޑާ ވަތަނިއްޔާ އާ ގުޅިގެން ތައާރަފްކުރި އެ ޚިދުމަތުގެ ދަށުން ލަންކާގެ ކޮންމެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކަށް ވެސް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް ވަތަނިއްޔާއިން ބުނެ އެވެ. ހަމައެކަނި ވަތަނިއްޔާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޭނުންކުރެވޭ ގޮތަށް ތައާރަފްކުރި އީ ޗެނަލިން ޚިދުމަތް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން 225 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް ވަތަނިއްޔާއިން ބުންޏެވެ.

ވަތަނިއްޔާ އިން ބުނި ގޮތުގައި، 225 އަށް ގުޅާ ކޮންމެ ފަހަރަކު ޗާޖް ކުރާނީ ފަސް ރުފިޔާ އެވެ. އަދި ސާވިސް ޗާޖެއްގެ ގޮތުން ހައްދާ ކޮންމެ އެޕޮއިންޓްމެންޓަކަށް 20ރ. ޗާޖް ކުރާނެ ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް 200ރ. އަދި ހޮސްޕިޓަލް ފީއެއްގެ ގޮތުގައި 50ރ. ޗާޖް ކުރާނެ ކަމަށް ވެސް ވަތަނިއްޔާއިން ބުންޏެވެ. އަދި އެއް ޑޮކްޓަރަކަށް ވުރެ ގިނަ ވުރެ ގިނަ ޑޮކްޓަރުންނަށް ދައްކާ ނަމަ އެ ޑޮކްޓަރަކަށް ޗާޖު ކުރާނީ ވަކިން ކަމަށް ވެސް ވަތަނިއްޔާ އިން ބުނެ އެވެ.

ވަތަނިއްޔާ އިން ބުނީ އީ ޗެނަލިން ޚިދުމަތް ހޯދުމަށް ވަތަނިއްޔާ އަށް ގުޅުމުން ބޭނުންވާ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހެދުނު ކަން އަންގައިދިނުމުގެ ގޮތުން އެސްއެމްއެސް އެއް ކަސްޓަމަރުގެ މޯބައިލަށް ފޮނުވާނެ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގޮސް، އެ އެސްއެމްއެސް ދެއްކުމުން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށް ވެސް ވަތަނިއްޔާއިން ބުނެ އެވެ.

އެހެންނަމަވެސް އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު ކެންސަލް ކުރި ނަމަވެސް، އެ ޚިދުމަތް ހޯދުމަށް ޗާޖް ކުރި އަދަދު ރީފަންޑް ކޮށްދޭ ގޮތަށް ހަމަޖެހިފައި އެއް ނުވެ އެވެ.

ވަތަނިއްޔާގެ މާކެޓިން މެނޭޖާ އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ، އީ ޗެނެލިން ޚިދުމަތް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރުމުގެ ގޮތުން ހެލްތު މިނިސްޓްރީއާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ވަތަނިއްޔާގެ މޯބައިލް ހެލްތު (އެމް ހެލްތު) ހިދުމަތުގެ ދަށުން ތައާރަފްކުރި އީ ޗެނެލިންއާ ގުޅޭ ގޮތުން ޒަމްރާ ވިދާޅުވި އެވެ.