ފަތުހު ޖަމާއަތުން ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ ފައިސާ އަށް ހިޔާނަތްތެރިވި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި އެ ޖަމާއަތުގެ ވެރިޔާ މުހައްމަދު މުސްތަފާ ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފަތުހު ޖަމާއަތުގެ ވެރިޔާ ފުރައިގެން ގޮސްފައި ވަނީ އިންޑިއާގެ ޗެންނާއީ އަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރާއްޖެ އިން ލިބެން ނެތް ފަރުވާއެެއް ހޯދުމަށް މިމަހުގެ 15 ވަނަ ދުވަހު ފަތުހު ޖަމާއަތުގެ ވެރިޔާ ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ ކޯޓު އަމުރެއްގެ ދަށުން ދީފައިވާ ކަމަށާއި އޭނާ ފުރީ ޓްރެވަލް ޑޮކިއުމަންޓެއްގައި ކަމަށެވެ.

"ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި. އެހެންވެ އޭނާ ފުރީ ޓްރެވަލް ޑޮކިއުމަންޓެއްގައި،" އޮފިޝަލް ވިދާޅުވި އެވެ.

ފަތުހު ޖަމާއަތުގެ ވެރިޔާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ފުލުހުން އޭނާ ރޭ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ފުލުހުން އެނާ ރޭ ކޯޓަށް ހާޒިރުކުރީ ބަލިވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު ގޭ ބަންދަށް ބަދަލުކުރުމަށް ފަހު އެވެ.

ފަތުހު ޖަމާއަތުގެ ވެރިޔާ ހައްޔަރުކޮށްފައި ވަނީ އިސްލާމިކް މިނިސްްޓްރީން ކޯޓާ ދޫކުރި ވަރަށް ވުރެ އިތުރަށް 126 މީހެއްގެ އަތުން ފައިސާ ނެގި މައްސަލައެއްގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ޖަހައިދީފައިވެ އެވެ.

މުސްތަފާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ އޮފީސް ބަލައި ފާސްކުރުމަށް ފަހު މި ދިޔަ މަހުގެ 12 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފަތުހު ޖަމާއަތުން ފައިސާ ނެގި މީހުންގެ ތެރެއިން ހައްޖަށް ދިއުމަށް ވިސާ ޖައްސާފައިވާ އެ ޖަމާއަތުގެ 118 މީހަކު ސަރުކާރުގެ ހަރަދުގައި މިއަހަރު ވަނީ ހައްޖަށް ގެންގޮސްފަ އެވެ.