18 Oct 2014, 15:21
މާފުށީޖަލު ހަލާކުކޮށްލައިގެން ދެމީހަކު ފިލި މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖަލު ފަޅައިލި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން ގޮވާލާ ކަމަށެވެ.
"...މާފުށީ ޖަލު ފަޅާލައި ކުށްވެރިން ފިލި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގައި، އިޙްމާލުވާ ސަރުކާރުގެ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް އެމްޑީޕީ އިން ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އެމްޑީޕީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ބުނެފައި ވަނީ ކުށްވެރިންގެ ބަޔަކު ޖަލު ފަޅާލައިގެން ވީއްލިފައި ވަނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުންނާއި ނުކުޅެދުންތެރިކަމުން ކަމަށެވެ. އަދި އެކަން އެމްޑީޕީން ހަރު އަޑުން ކުށްވެރި ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.
މަރުގެ ކުށުގެ މައްސަލައާއި ޓެރަރިޒަމްގެ ކުށުގެ މައްސަލައިގައި އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައި ތިބޭ މީހުން ޖަލު ފަޅާލައި ނުކުމެ އުޅުމުގެ ފުރުސަތު ލިބުމަކީ "ރައްޔިތުންނަށް ހައްގުވާ ގޮތް ނޫން" ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"... މިކަން މިހެން އޮތްއިރު، މަރުގެ ކުށުގެ މައްސަލައާއި ޓެރަރިޒިމް ކުށުގެ މައްސަލާގައި އުމުރަށް ޖަލަށް ޙުކުމްކޮށްފައިތިބޭ ނުރައްކާތެރި ކުށްވެރިން ޖަލުފަޅާލައި ނުކުމެ އުޅުމުގެ ފުރުސަތުވެސް މި ސަރުކާރުގެ ނުކުޅަދުއްތެރިކަމުން ހުޅުވިފައިވުމަކީ މިރާއްޖޭގެ ރައްޔިތުންނަށް ޙައްޤުވާ ގޮތްކަމަށް ނުވާއިރު، މިސަރުކާރުން ރާއްޖޭގެ ރައްޔިތުން ސިއްސުވާލާ ނާމާން ބިރުވެރި ޚަބަރުތައް ފުލުފުލުން ދެމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" ބަޔާނުގައި ވެއެވެ.