18 Oct 2014, 15:16
އައިޖީއެމްއެޗްގެ ޓްރޭނިންގް ހަދަމުން ދިޔަ ނަރުހުންތަކެއްގެ އަތް ދަބަސްތަކުން ފައިސާތަކެއް ވަގަށް ނަގައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޓްރޭނިންގް ހަދަމުން ދިޔަ ހަތަރު އަންހެން ނަރުހުންގެ އަތް ދަބަހުގައި ހުރި ފައިސާތައް ވަގަށް ނަގާފައި ވަނީ އެ ކުދިން ދަބަސްތައް ނަަރުހުންގެ ކޮޓަރީގައި ބަހައްޓާފައި ބަލި މީހުން ތިބޭ ވޯޑްތަކަށް ޑޮކްޓަރުންނާ އެކު ދިޔަ ވަގުތުގަ އެވެ.
އެތަނުން އެއް ނަރުސް ކުއްޖެއްގެ ބޭބެ ބުނި ގޮތުގައި އެ ނަރުސްކުދިންގެ ދަބަހުން ފައިސާ އާއި ރަން ކެވެލިކޮޅަކާއި ޑައިމަންޓް ރިންގެއްގެ އިތުރުން ކެމެރާއެއް ވެސް އެ ކުދިންގެ ދަބަސްތަކުން ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަަހަޅާފައިވާ ކަމަށް ކަމަށް ވެސް ބުންޏެވެ.
"އެ ކުދިންގެ ތެރެެއިން އެއް ކުއްޖަކު ބުނީ އޭނާގެ ދަބަހުގައި ހުރިއްޔާ ހުރިހާ ލާރިއެއް ވަގަށް ނަގާފައި ވާތީ، ޑިއުޓީ ނިންމާފައި ވިލިނގިއްޔަށް މިއަދު ދާނެ ގޮތެއް ވެސް ނެތް ކަމަށް،" އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް ވިދާޅުވީ މިއަދު ހެނދުނު 10:30 އެހާކަންހާ އިރު އައިޖީއެމްއެޗުން ވައްކަން ކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ބައެއް ތަކެއްޗާ އެކު 2000 ރުފިޔާ ވަގަށް ނަގާއިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.