18 Oct 2014, 15:13
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދަ ހިދުމަތް ލިބޭ ފާމަސީތައް ގާއިމުކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހއ. ފިއްލަދޫ އާއި ރ. އިނގުރައިދޫގައި އެ ކުންފުނީގެ ބޭސް ފިހާރައެއް ހުޅުވައިފި އެވެ.
އެސްޓީއޯ އިން ބުނީ، އެ ދެރަށުގައި ހުޅުވި ބޭސް ފިހާރަ އިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެ ދެ ބޭސްފިހާރައާ އެކު އެސްޓީއޯގެ ބޭސް ފިހާރަތަކުގެ އަދަދު މިހާރު 40 އަށް އަރަ އެވެ.
އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވުމަށް ކުރިއަށް ގެންދާ މަސައްކަތަށް ކައުންސިލްތަކާއި ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށެވެ.
ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.