ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ އެނާޖީ މިނިސްޓަރުންގެ ފަސްވަނަ ބައްދަލުވުން މިމަހު 17 ވަނަ ދުވަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވައިފި އެވެ.

އެ ބައްދަލުވުމުގައި ސާކްގައި ހިމެނޭ އަށް މެންބަރު ގައުމުގެ ތެރެއިން ހަތް ގައުމަކުން ވަނީ ބައިވެރިވެފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ވަނީ ބައިވެރިވެ ތަގުރީރުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި އެނާޖީ މިނިސްޓަރުންގެ ހަތަރުވަނަ ބައްދަލުވުމުގެ ނިންމުންތައް ތަންފީޒުކުރެވުނު މިންވަރު ދެނެގަތުމާއި، މިމަހު ނިއުދިއްލީގައި ބޭއްވި ސާކް ގައުމުތަކުގެ ސީނިއާ އޮފިސަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހިމެނެއެވެ.

އޭގެ އިތުރުން ސާކް ގައުމުތަކުގެ މެދުގައި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅެގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ތެލައް ބަރޯސާވާ މިންވަރު ކުޑަކުރުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުރިއަށް އޮތް ހަތަރުއަހަރު ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ބޭނުންވާ ހަކަތައިގެ 30 އިންސައްތަ ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އެނާޖީ މިނިސްޓަރުން ބައްދަލުކުރައްވައި ދޭދޭ ގައުމުތަކުގައި ހަކަތައިގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން އިންޑިއާގެ އެނާޖީ މިނިސްޓަރު ވަނީ ހަކަތައިގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ރާއްޖެއަށް 50 ފުރުސަތު ދެއްވާފަ އެވެ.