ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިޚާބުކުރާ މެމްބަރު ކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އާއި ޖޭއެސްސީގެ ކުރީގެ މެމްބަރު ލަތީފާ ގާސިމްގެ އިތުރުން ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރާއި ގާނޫނީ ވަކީލު ރުޝްދުﷲ އިބްރާހީމް އާއި ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ކަމަށެވެ.

އެބޭފުޅުންގެ ނަންތައް ތަރުތީބުކުރުމަށް ޓަކައި ބާއްވާ ގުރުއަތުލުން މިއަދު 11:00 އިން 12:00 އަށް އެޓާނީޖެނެރަލްގެ އޮފީހުގައި ވަނީ ބާއްވާފަ އެވެ.

ވަކީލުންގެ ތެރެއިން ޖޭއެސްސީ އަށް ހޮވާ މެމްބަރަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.

އެ އިންތިޚާބު ބޭއްވުމަށް މީގެ ކުރިން ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. މިފަހަރު އިންތިޚާބު ބާއްވަނީ ސުޕްރީމް ކޯޓުން އިސްލާހުކުރުމަށް އަންގާފައިވާ ކަންތައްތައް އިސްލާހުކުރުމަށްފަހު އެ ކޯޓުން އަންގާފައިވާ ގޮތުގެމަތިންނެވެ.