އެމެރިކާ އިން ސިއްރުކޮށްގެން ގެންގުޅުނު ޖައްވުގައި ދަތުރުކުރާ އުޅަނދެއް ކަމަށްވާ "އެކްސް-37ބީ" ދެ އަހަރާ ގާތްކޮށްފައި "ޓޮޕް ސީކްރެޓް މިޝަން" އަކަށް ފަހު އެނބުރި އެމެރިކާ އަށް އަތުވެއްޖެ އެވެ.

އެމެރިކާގެ ވޯންޑެންބާގް އެއާފޯސް ބޭސްއާއި ހަވާލާދީ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީމެއިލް އިން ބުނެފައި ވަނީ ސީކްރެޓް މިޝަންއެއްގައި 22 މަސް ދުވަހު ދުނިޔެ ވަށާ ދައުރު ކުރުމަށް ފަހު އެއުޅަނދު މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 9:45 އެހާކަންހާއިރު އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިއާ އަށް ޖައްސާފައިވާ ކަމަށެވެ.

"އެއުޅަނދު ބިމުގައި ޖެއްސުމާ ހަމައަށް މިކަމުގައި މަސައްކަތް ކުރި ހުރިހާ އެންމެނާ މެދު އަހަރެން ވަރަށް ފަހުރުވެރިވޭ. މިކަމުގައި ބައިވެރިވި ސިވިލް އިންޖިނިއަރުންނާ، އެއާފީލްޑް މެނޭޖަރުންގެ އިތުރުން އޮން-ކޮންސޯލް އޮޕަރޭޓަރުން ވެސް މިމިޝަންގައި ބައިވެރިވެ އެހާ ފުރިހަމަކަމާއި އެކު ނިންމާލީތީ ފަހުރުވެރިވާނެ،" ވޯންޑެންބާގްގައި ހުންނަ 30 ވަަނަ ސްޕޭސްވިންގްގެ ކޮމާންޑާ ކޮލޮނެލް ކީތް ބޯލްޓްސް ޑެއިލީމެއިލް އަށް ބުންޏެވެ.

ޖައްވުގައި ދަތުރުކުރާ ޖާސޫސީ އުޅަނދެއް ކަމަށްވާ "އެކްސް-37ބީ"--- ފޮޓޯ: ރޮއިޓާސްް

ރޮކެޓެއް ބޭނުންކޮށްގެން ޖައްވައް ފޮނުވާލާ އެކްސް-37ބީ އަކީ މީހުން އުފުލޭވަރަށްވުރެ ކުޑަ އުޅަނދެއް ކަމަށް ޑެއިލީމެއިލް އިން ބުންޏެވެ. ނަމަވެސް އެއުޅަނދުގައި ކުޑަވަރެއްގެ ސެޓަލައިޓެއް އުފުލޭނެކަމަށާއި އެއުޅަނދަކީ ދުނިޔެއާ 110 ނުނީ 500 މޭލުގެ ދުރުމިނެއްގެ ދައުރުކުރެވޭނެ އުޅަނދެއް ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ.

22 މަސް ވަންދެން ޖައްވުގައި ދަތުރުކުރި އެމެރިކާގެ އުޅަނދު އެކްސް-37ބީގެ މިޝަން އަކީ ކޮބައި ކަމެއް ނުވަތަ އެދުވަސްތަކުގައި އުޅަނދު ޖައްވުގައި ކުރި ކަމަކާއި ބެހޭ ގޮތުން އެމެރިކާގެ ސަރުކާރުގެ އެއްވެސް ބޭފުޅަކު މައުލޫމާތު ދީފައެއް ނުވެ އެވެ. ގިނަ އެކްސްޕާޓުން ބުނާ ގޮތުގައި އެއުޅަނދަކީ ސްޕައި ގިއަރު ނުވަތަ ޖާސޫސް ކުރާ މީހުންގެ ބައެއް އާލާތްތައް ފަދަ ތަކެތި އުފުލާ ބޯޓެކެވެ. އަދި އެހެން މީހުން ބުނާ ގޮތުގައި އެއުޅަނދަކީ އެމެރިކާ އިން އެހެން ގައުމުތަކަށް ޖާސޫސުކުރަން ބޭނުންކުރި އެއްޗެކެވެ.

ޑެއިލީމެއިލް އިން ބުނި ގޮތުގައި އެކްސް-37ބީ އަކީ މީގެ ކުރީ އަހަރުތަކުގައި ވެސް އެކި މިޝަންތަކަށް އެމެރިކާއިން ފޮނުވާފައިވާ އުޅަނދެކެވެ. މިފަހަރުގެ މިޝަންގައި އެއުޅަނދު ޖައްވުގައި 674 ދުވަސް ހޭދަކޮށްފައިވާ އިރު އޭގެކުރިން ކުރިން ވެސް ދެ މިޝަންއެއްގައި ބައިވެރިވެފައިވެ އެވެ. އެއީ 2010 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ހަމަ އެއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އޮތް މިޝަންއެއް ކަމަށާއި 2011 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން 469 ދުވަސް ޖައްވުގައި ހޭދަކުރުމަށް ފަހު 2012 ވަނަ އަހަރު އެނބުރި އައި މިޝަން ކަމަށްވެސް އެނޫހުން މައުލޫމާތު ދީފައިވެ އެވެ. މި ދެ މިޝަންގެ މަގުސަދު ވެސް އެމެރިކާގެ ސަރުކާރުން ވަނީ ސިއްރުކޮށްފަ އެވެ.