މިއަދު ހެނދުނު މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާ އިރު ކުރިއަށް އޮތީ ވެސް ވިއްސާރަ ހަފުތާއެއް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފި އެވެ.

މެޓްގެ މީޓިއޮރޮލޮޖިކަލް ޓެކްނީޝަން ތަހުމީނާ އަބްދުލްކަރީމް މިއަދު ސަން އަށް ވިދާޅުވީ މިދުވަސްކޮޅު ރާއްޖެ އަށް ވެހެމުން މިދާ ވިއްސާރައަކީ ރާއްޖޭގެ އުތުރުން މަލިކު ސަރަހައްދުގައި އުފެދިފައިވާ ބޯ ވިއްސާރަ ވިލާގަނޑެއް (ލޯ ލެވެލް ސާކިއުލޭޝަން)ގެ ސަބަބުން ވެހެމުންދާ ވާރާއެެއް ކަމަށެވެ. އެހެން ކަމުން އަންނަ ހުކުރުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެކި އިރު ވާރޭ ވެހެމުންދާނެ ކަމަށެވެ.

މިއަދު ހެނދުނު މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައި-- ސަން ފޮޓޯ ފަޔާޒް މޫސް

މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި މިއަދު ހެނދުނު މާލެއަށް 35 މިލިމީޓަރުގެ ވާރޭ ވެހިފައިވާ އިރު ހުޅުލެ އަށް 26 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

އިއްޔެ ރޭ ގާތްގަނޑަކަށް 1:30 އެހާކަންހާއިރު މާލެ އަށް ވެހެން ފެށި ވާރޭ، ފަސްގަޑިއިރަށް ދިގު ދެމިގެން ގޮސްފައިވެ އެވެ. އަދި އެ ވަގުތުގެ ތެރޭގައި 142 މިލިމީޓަރު ވާރޭ ވެހިފައިވެ އެވެ. އަދި އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ދަންވަރު 2:00 އިން ފެށިގެން ފަތިހު 5:00 އާ ހަމަށް ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި އެ ވަގުތުގެ ތެރޭގައި 122 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މިއަދު ހެނދުނު މާލެ ސަރަހައްދަށް ކުރި ވިއްސާރާގައި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައި-- ސަން ފޮޓޯ ފަޔާޒް މޫސް

އިއްޔެ ރޭ ވެހުނު ވާރޭގައި މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ވާރޭގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ވެސް ކަނޑައިގެން ދިޔަ އެވެ. ބައެއް އިމާރާތްތަކަށާއި ގޭގެއަށް ވެސް ވަނީ ފެންވަދެ، އަދި ގެއްލުންތައް ވެފަ އެވެ.

މި ވިއްސާރާގައި ވައި އެހާ ގަދަ ނުވި ނަމަވެސް ވިލާގަނޑުގައި ވައިގަދަ ވާނެ ކަމަށާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.