ސޫރިޔާ ސަރުކާރުގެ އެއާބޭސްތައް ހިފި އިރު އިސްލާމިކް ސްޓޭޓް ( އައިއެސް) އަށް ލިބިފައިވާ ތިން މަތިންދާބޯޓެއް ބޭނުންކޮށްގެން ޕައިލޮޓުން ތަމްރީނުކުރަން ފަށާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފިއެވެ.

ސީރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައި ވަނީ އައިއެސް އަށް ޕައިލޮޓުން ތަމްރީނުކޮށްދެނީ އެ ޖަމާއަތާ ގުޅުނު އިރާގުގެ ވައިގެ ސިފައިންގެ ތެރޭގައި ކުރިން އުޅެފައިވާ ޕައިލޮޓުން ކަމަށެވެ. އަދި ބުނެފައި ވަނީ ސޫރިޔާގެ ވައިގެ ސިފައިންގެ އަތުން ހޯދާފައިވާ ހަނގުރާމަމަތީ ބޯޓްތައް ހަލަބު ޕްރޮވިންސްގައި އުދުހެނިކޮށް އާއްމުންނަށް ފެނިފައިވާ ކަމަށެވެ.

ނަމަވެސް އެއިން ބޯޓެއްގައި ހަތިޔާރެއް ހުރިކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ ކަމަށް އެޖަމާއަތުން ބުންޏެވެ.

ސޫރިޔާއާއި އިރާގުން ބައެއް ހިފައިގެން ދައުލަތެއް ގާއިމްކޮށްގެން އުފައްދާފައިވާ އައިއެސް އިން ވަނީ ސޫރިޔާ ސިފައިންގެ ބައެއް އެއާބޭސްތައް ކުރިން ހިފާފަ އެވެ. އެ ޖަމާއަތާ ދެކޮޅަށް އެމެރިކާއާއި އެގައުމާ ބައިވެރިވާ ގައުމުތައް ގުޅިގެން ވައިގެ ހަމަލާތައް ދެމުން ދިޔަ ނަމަވެސް އެޖަމާއަތުން އަދިވެސް ދަނީ ރަށްތައް ހިފަމުންނެވެ.

އައިއެސް އިން މަތިންދާބޯޓް ދުއްވަން ފެށިކަން އެމެރިކާ އަށް އަދި ނޭނގޭ ކަމަށް އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ދަ ގާޑިއަން ނޫހުން ބުންޏެވެ.