ބަހްރެއިންގައި ކުރިއަށްދާ 17 ވަނަ އޭޝިއަން ޖޫނިއާ ފިރިހެން ވޮލީ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖޭގެ 19 އަހަރުން ދަށުގެ ފިރިހެން ގައުމީ ވޮލީ ޓީމު އިއްޔެ ބަލިވެއްޖެ އެވެ.

ބަހްރެއިން އާ ދެކޮޅަށް ކުޅުން މެޗުން ރާއްޖޭގެ ޓީމު ބަލި ވެފައި ވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ 19 އަހަރުން ދަށުގެ ފިރިހެން ޓީމުން ބައިނަލްއަގުއާމީ މުބާރާތެއްގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.

ގްރޫޕް ބުރުގައި ރާއްޖެ އިން ދެން ކުޅޭ މެޗުގައި ނުކުންނާނީ ސައުދި އަރަބިއްޔާ އާ ދެކޮޅަށް އަންގާރަ ދުވަހު އެވެ.

އެ މުބާރާތުގައި ހަތަރު ގްރޫޕަކުން ބައިވެރިވެފަ އެވެ. ޖުމްލަ 20 ގައުމަކުން ބައިވެރިވި ކަމުގައި ވިޔަސް ދެ ގައުމަކުން ވަނީ މުބާރާތުން ވަކިވެފަ އެވެ. ގްރޫޕް އޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ ބަހްރެއިން އާއި ތައިލެންޑް އަދި ސައުދި އަރަބިއްޔާ އެވެ. ގްރޫޕް އޭގެ އޮސްޓްރޭލިއާ ވަނީ މުބާރާތުން ވަކިވެފަ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ޖަޕާން އާއި ޗައިނީސް ޓައިޕޭ އާއި ކަޒަކިސްތާނާއި އުޒްބެކިސްތާނު އަދި ކުވޭތެވެ. ގްރޫޕް ސީގައި ހިމެނެނީ ޗައިނާއާއި ސައުތު ކޮރެއާ އާއި ސްރީލަންކާ އަދި ނިއުޒީލެންޑެވެ. މި ގްރޫޕްގެ ޕާކިސްތާނު މުބާރާތުގައިބައިވެރި ވެފައެއް ނުވެ އެވެ.

ގްރޫޕް ޑީގައި ހިމެނެނީ އީރާނާއި އިންޑިޔާ އާއި ތުރުކެމިނިސްތާނު އާއި ހޮންގް ކޮންގް އަދި ގަތަރެވެ.