18 Oct 2014, 12:57
ބ. އޭދަފުށީގައި ދިރިއުޅެމުން އަންނަ އަންހެނަކު އޭނާގެ "ސިއްހީ ހާލަތު ހުރި ގޮތުން" ފާހާނައިން ނުނިކުމެވި ހުންނަތާ 12 ގަޑިއިރު ފަހުން އެ ރަށު ބައެއްގެ އެހީގައި އެމީހާ ފާހާނައިން ނެރިއްޖެ އެވެ.
އޭދަފުށީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ ނިއުމާ އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ އެ އަންމީހާ އަށް ފާހާނައިން ނުނިކުމެވިފައި ހުރީ އޭނާ ސިއްހީ ހާލަތު ހުރި ގޮތުން ހެލިފެލިވެ އުޅުން އުނދަގޫވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެނދުން ނުތެދުވެ އޮތުމުން އޭނާ ނުތާހިރުވުމުގެ ސަބަބުން ފުލުހުންނާ ރަށުކައުންސިލްގެ އިތުރުން އޭދަފުށީ ބައެއް ރައްޔިތުންގެ އެހީގައި އިއްޔެ އޭނާ ހޮސްޕިޓަލަށް ގެންގޮސް "ސާފު" ކޮށްފައިވާ ކަމަށެވެ.
ސާފުކުރުމަށް ފަހު ހޮސްޕިޓަލުން ރޭ 11:00ގައި އޭނާ ގެއަށް ފޮނުވާލުމުން ގެއަށް ގޮސް ފާހާނައަށް ވަތްގޮތަށް މިއަދު ހެނދުނުވީ އިރު ވެސް އޭނާ އިނީ ފާހާނާގައި ނުނިކުމެ ކަމަށް ނިއުމާ ވިދާޅުވި އެވެ.
"ރޫފަ ރަނގަޅުކޮށް ހުންނަ މީހެއް އެއީ. ... ރޭގައި ހޮސްޕިޓަލުން ގެއަށް އައިސް ފާހާނާ އަށް ވަތްގޮތަށް މިއަދު ހެނދުނުވީ އިރު ވެސް ނުނިކުމޭ. މިރަށު 20 ވަރަކަށް އަންހެނުން ވެގެން މިއަދު 11:30ގައި އޭނާ ވާނީ ސާފުކޮށް އަނެއްކާ ވެސް އެނދަކާ ހަމައަށް ގެންގޮސްފައި،" ނިއުމާ ވިދާޅުވި އެވެ.
ނިއުމާ ވިދާޅުވީ އެއީ 85 އަހަރުގެ އޭދަފުށި ފިރިހެނަކާ އިނދެގެން އުޅެމުން އަންނަ ބ. ތުޅާދު އަށް ނިސްބަތްވާ 45 އަހަރުގެ މީހެއް ކަމަށެވެ. އަދި އެ އަންހެން މީހާގެ ކަންކަން ބެލެހެޓުމަށް ފިރިމީހާ އަށް މިހާރު ދަތިވުމުން އެކަމުގައި ގޮތެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ނިއުމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދެމަފިރިން ދިރިއުޅެމުން އަންނަނީ އާއިލާގެ މީހުންނާ ވަކިންނެވެ.