ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އުފެއްދުމަށް ފަހު އެ ކޮމެޓީއާ ބެހޭ މައުލޫމާތު ހުށަހެޅުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގައިފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އިއުލާނެއްގައި ވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އުފައްދަން ޖެހޭ އެ ކޮމެޓީ އެކުލަވާލުމަށް ފަހު އަންނަ މަހުގެ 13 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެ ކޮމެޓީއާ ބެހޭ މައުލޫމާތު ހުށަހަޅާ އިރު އެ އޮފީހެއްގެ ނަމާއި ކޮމެޓީ އުފެއްދެވި ތާރީޚާއި އަދި ކޮމެޓީގައި ހިމެނޭ މެންބަރުންގެ ނަމާއި މަގާމު އަދި ކޮމެޓީ ޗެއާޕާސަނަކީ ކާކުކަން އެނގޭނޭ ގޮތަށް ސިޓީގައި ހިމަނަން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ވަނީ ޖިންސީ ގޯނާ ކުރުމާއި ފުރައްސާރަ ކުރުމާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި 30 މުވައްޒަފުންނަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ ކޮންމެ ތަނެއްގައި ކޮމެޓީއެއް އުފައްދަން ޖެހޭނެ ކަމަށެވެ.