މާފުށީ ޖަލުގެ ތޭރިތައް ކީހާލައިގެން ފިލި ދެ ގައިދީން ކަމަށްވާ ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް،23، އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު، 26، ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާ ގުޅިގެން ކަނޑުގެ ސަރަހައްދު ބެލުމުގެ މަަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ދެ ގައިދީން ހޯދުމުގެ މަސައްކަތް ފުލުހުން ފުޅާދާއިރާއެއްގައި ފަށާފައިވާ އިރު މިހާތަނަށް މާފުށީގެ އިތުރުން އެސަރަހައްދުގައި ހުރި ރަށްތަކާާއި ރިސޯޓްތަކަށް އެމީހުން އަރާފާނެ ކަމަށް ބަލައި އެރަށް ރަށް ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި ކޯސްޓްގަޑުގެ އެހީތެރިކަމާ އެކު ހަމަ ރެއިން ފެށިގެން އެ ސަރަހައްދު، ވައިގެ މަގުންނާއި ކަނޑުގެ މަގުން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އެ ދެމީހުން ޖަލުގެ ތޭރިތައް ކީހައިލައިގެން ރޭ ފިލިކަން އެނގުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖަލުގައި އެމީހުން ތިބޭ ގޮޅި ބަލައި ފާސްކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ތެރެއިން ޝަހުމް އަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ މީހެކެވެ.